ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައި ވަނީ ހުޅުލެއަށް ކަމަށް މޯލްޑިވްސް މިޓިރޮލޮޖީ ސާވިސަސް (މެޓް) އޮފީހުން ހާމަކޮށްފި އެވެ.

މެޓް އޮފީހުން އެކްސްގައި ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އާ ހާމައަށް ހުޅުލެއަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ މަތީ އަދަދެވެ.

ދެވަނައަށް، މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައިވަނީ ބ. ގޮއިދުއަށެވެ. ގޮއިދުއަށް 105.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހުޅުލޭގައި ހިންގާ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓު އޮޕަރޭޝަނަށް ވެސް ބުރޫ އެރި އެވެ. ބައެއް ފްލައިޓުތައް ނުޖެއްސި ޑައިވާޓު ކުރަން ޖެހުނު އިރު ފުރަން ތާވަލުކޮށްފައިވާ ފްލައިޓުތައް ޑިލޭވެފައިވެ އެވެ.

އިއްޔެގެ ވިއްސާރާގައި މާލެގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ އެކި ވަރުގެ ގެއްލުންތައް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ބައެއް ގޭގެޔަށް ފެން ވަނުމުގެ ސަބަބުން އެގޭގޭގައި ދިރިއުޅޭ ފަރާތްތައް ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.