އާބަންކޯގެ މޭނޭޖިން ޑިރެކްޓަރު ކަމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުން ފެންވަރުގައި ކަން ހާމަވެއްޖެ އެވެ.

މިއީ ކުރިން މިނިސްޓަރުކަން ނުކުރައްވާ ބޭފުޅަކު ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި، ސިޔާސީ މަގާމުތަކުގެ ތެރޭގައި މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ ލިސްޓުގައި ފަޒުލް ވަނީ ހިމަނައިފަ އެވެ. އޭނާ އެ ލިސްޓުގައި ހިމަނާފައި ވަނީ ވަރަށް ފަހުން ކަމަށްވެ އެވެ.

މި ފަހަކާ ޖެހެން ދެން ރައީސް އޮފީހުގެ ވެބްސައިޓްގެ ލިސްޓުގައި މިނިސްޓަރު ފެންވަރުންގެ ލިސްޓުގައި ފަޒުލް ހިމަނާފައެއް ނުވެ އެވެ.

މިއާ އެކު، މިނިސްޓަރުން ފެންވަރުގައި މިހާރު 20 ބޭފުޅުން ތިއްބަވަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ތިއްބަވާ 22 މިނިސްޓަރުންނާ އެކުގައި މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ އަދަދު 42 އަށް އަރަ އެވެ.

އާބަންކޯގެ އެމްޑީއަކަށް އައްޔަން ކުރުމުގެ ކުރިން ފަޒުލްއަކީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހުގެ ފެލިދޫ ދާއިރާގެ މެމްބަރެވެ. މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަޒުލް ހުންނެވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.