ވޮޝިންޓަން (6 ފެބްރުއަރީ) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޓެލިޖެންސް މައުލޫމާތު ދޭންޖެހޭނެ ކަމަށް ގަބޫލެއް ނުކުރައްވާކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން މިހެން ވިދާޅުވީ ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޕްރެސެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައީސްކަމުގެ މަގާމުން ވަކިވުމުން ވެސް ގައުމުގެ ހިނގާ ބޮޑެތިކަންކަމުގެ މައުލޫމާތު އިންޓެލިޖެންސުން ފޯރުކޮށްދެ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ޓްރަމްޕަށް އިންޓެލިޖެންސް މައުލޫމާތު ދިނުމުގެ އެއްވެސް ބޭނުމެއް ނުފެންނަ ކަމަށެވެ. ޓްރަމްޕަށް އެފަދަ މައުލޫމާތު ދިނުމުން ދިމާވެދާނެ ނަތީޖާ ގޯސްވެދާނެ ކަމަށާއި އަދި ފަހަރެއްގައި އެ މައުލޫމާތު ހިއްސާކުރަން ނުޖެހޭ ފަރާތަކާ ހިއްސާ ވެސް ކޮށްފާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ. އަދި ސިއްރު މައުލޫމާތު ސިއްރުގެ ގޮތުގައި ބެހެއްޓޭނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ފާހަގަ ކުރެވިފައިވަނީ އިންޓެލިޖެންސްއާ ދުރު ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އިންޓެލިޖެންސް އަށް ފާޑުވިދާޅުވެ، އިންޓެލިޖެންސުން ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަމާމެދު ސުވާލު އުފައްދާ ބޭފުޅެއްގެ ގޮތުގަ އެވެ. 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވިކަމަށް އިންޓެލިޖެންސުން މައުލޫމާތު ދިނުމުން ޓްރަމްޕްވަނީ އެކަމާ ސުވާލު އުފައްދަވާ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އިންތިހާބުން ބަލިވުމާއެކު ޓްރަމްޕް ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އިންތިހާބުގެ ނަތީއްޖާ ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމާއި ގުޅިގެން ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ސެނެޓް ހުންނަ އިމާރާތަށް ގަދަކަމުން ވަދެގަނެ އެތަނަށް ގެއްލުން ދިނީ ޓްރަމްޕްގެ އެގޮތަށް އިރުޝާދު ދީފައިވާތީކަމަށް ބުނެ ޓްރަމްޕް އިންޕީޗްކުރުމަށް ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކޮށް ސެނެޓުގައި އެމައްސަލަ ބެލުމަށް ވަނީ ތައްޔާރުވެފަ އެވެ. - ބީބީސީ