ހަފްތާ ފެށިގެން އައީ ދިވެހިރާއްޖެއާއި މި ގައުމުގެ އެންމެ އަވަށްޓެރި އެއް ގައުމު އިންޑިއާއާ ދެމެދު ފެށުނު ކޯޅުމަކުންނެވެ. ދިވެހި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިބި ބޭފުޅުންތަކެއް އިންޑިއާއަށް ކުޑައިމީސް ވާގޮތަށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާއެކު ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އައެވެ.
އިންޑިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ލަކްޝަދީބުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ކުރެއްވި ދަތުރުފުޅުގެ ފޮޓޯތަކަށް ފުރައްސާރަކޮށް އެބޭފުޅުން ވިދާޅުވީ އިންޑިއާއިން ދިވެހި ރާއްޖެއާ އެއްވަރު ނުކުރެވޭނެ ކަމަށެވެ.
އެއާއެކު ދެން ފެށިގެން ދިޔައީ މިއިން ދުވަހަކު ދިވެހިން ދެކިފައިނުވާ ފަދަ ދެކޮޅުވެރި ކަމެކެވެ. ސަރުކާރު ފެންވަރުގައާއި ފަރުދީ ފެންވަރުގައި ދެގައުމުގެ މެދުގައި ކުރިމަތިލުންތައް އުފެދުނެވެ.
އެގޮތުން ސޯޝަލް މީޑިއާގައި އާއްމުން އެއްގައުމު އަނެއް ގައުމު ކުޑައިމީސްކޮށް ފުރައްސާރަ ކުރަން ފެށި އެވެ. ދިވެހިން އިންޑިއާ މީހުންނަށާއި އިންޑިއާއަށް ހަޖޫ ޖަހައި ދިވެހިން ދިފާއު ކުރަމުން ގެންދާއިރު އިންޑިއާ މީހުން އަންނަނީ ދިވެހިންނަށް ވެސް އިނގިލި ދިއްކުރަމުންނެވެ.
ކޮންމެއަކަސް މުޅި ސޯޝަލް މީޑިއާގައި އިންޑިއާ - ރާއްޖެ ޓްރެންޑްވާން ފަށައިފި އެވެ. ދެ ގައުމުގެ ރައްޔިތުން ވެސް ބަލަނީ އަނެއް ބަޔަކު ދެރަކޮށްލައިގެން ކުރި އެރޭތޯ އެވެ.
މިކަމުގައި ފާހަގަ ކޮށްލަން ޖެހޭ އެއް ކަމަކީ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ އެތައް ހާސް އިންޑިއާ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ފާޅުގައި ސޯޝަލް މީޑިއާގައި ދިވެހިން ދިފާއުކުރާ ބައެކެވެ.
"ދިވެހިންނަކީ ވަރަށް އެކުވެރި އިޚްލާސްތެރި ބައެއް. އަހަރެންގެ ހަޔާތުގައި ވެސް މިފަދަ ބައެއް ނުދެކެން. މި ފެތުރެނީ ބޭނުމެއް ނެތް ނަފްރަތު" އޭގެ ތެރެއިން އެކަކު ބުނެފައިވެ އެވެ. އެ ޕޯސްޓުތަކަށް އެއްބަސްވެ ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން ވެސް ކޮމެންޓް ކުރަމުންދެ އެވެ.
ދިވެހިން ދަންނަންވީ ކަމަކީ ދިވެހި ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމަކަށްވާއިރު އެ ނަސީބު ލިބިފައިވާ އެހެން ގައުމުތައް ވެސް ވާ ކަމެވެ. އެހެނީ އިންޑިއާގެ ލަކްޝަދީބަކީ ވެސް ގުދުރަތީ ރީތިކަން ލިބިފައިވާ ތަނެކެވެ.
މި ދެ ތަނުގެ މެދުގައި ރަނގަޅު ވާދަވެރިކަމެއް އުފެދުމަކީ މައްސަލައެއް ނޫނެވެ. ދެވިޔަފާރީގެ މެދުގައި ވާދަވެރިކަން އޮންނަ ފަދައިން ދޭދޭ ދެ ގައުމުގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް އޮތުމަކީ މައްސަލައެއް ނޫނެވެ. އެއީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަންވީ ކަމެއް ވެސް ނޫނެވެ.
ކޮންމެއަކަސް ހަގީގަތަކީ އިންޑިއާއަކީ ދިވެހިންގެ އެންމެ އަވަށްޓެރި ގައުމު ކަމެވެ. ސިޔާސީ ކަންކަން އެއް ފަރާތްކޮށް ދިވެހިންނަށް އެންމެ އެހީވި އެއް ގައުމު ކަމެވެ. އެތައް ހާސް ދިވެހިންނެއް އެކި ކަންކަމުގައި ދާން ޖެހޭ ގައުމެއް ކަމެވެ.
ވީއިރު މިފަދަ ކަންކަމުން ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ހީނަރުވެއްޖެނަމަ ގެއްލުން ވާނީ ވެސް ހަމަ ދިވެހިންނަށެވެ. އެހެން ކަމުން ދިވެހިން ވާންވީ ފުރައްސާރަ ކުރުމާ ދުރު ބައަކަށެވެ.
ވަރައްރަގަޅުވާހަކަ ތިޔަލިޔުނީ ، ހިތާމައަކީ އިންޑިއާ ގެ ޕްރިންޓް ނޫސްތަކާ މެއިންސްޓްރީމް މީޑިއާ ތަކުގައި ގޮވަމުންދާ އެއްޗެތީގެ އަޑު ލިޔުންތެރިޔާ އަސް ނީވޭތި.