ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

ސިފައިން އިން ބުނީ ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން ފަށާފައިވާ ކަމަށެވެ.

ފެން ހިންދަނީ މާލޭ ފުށްގުދަން ހުންނަ ސަރަހައްދާއި، އައިޖީއެމްއެޗު، ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން އެ ސަހަރައްދުތަކުންނެވެ.

މާލެއަށް ފެން ބޮޑުވުމުގެ އިތުރުން ވައި ގަދަވުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި އެކި ވަރުގެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު،ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން މާލެ ސަރަހައްދުގެ 70 ގެއެއްގައި ފެންބޮޑުވި ކަމަށް މީގެ ކުރިން ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ވަނީ ބުނެފަ އެވެ.