ދެކުނު އިންޑިއާގެ ސިނަމާގައި އަދި ބޮލީވުޑްގައި ވެސް މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރަޝްމިކާ މަންޑަންނާ އާއި ވިޖޭ ދޭވަރަކޮންޑާ އެންގޭޖްވާން ތައްޔާރުވެއްޖެ އެވެ.

ބިލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަތަލާ ރަޝްމިކާ އާއި އެކްޓަރު ވިޖޭގެ އެންގޭޖްވުން އޮންނާނީ މާޗް މަހު ތެރޭގައި އެވެ. އަދި އެންގޭޖްވުމަށްފަހު ވަރަށް އަވަހަށް ކައިވެނިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މި ދެ ތަރިން ރައްޓެގިވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު އެތައް ދުވަހެކެވެ. އެކަމަކު އެ މީހުން އެކަމަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. މިދިޔަ އަހަރު އެކީގައި ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައި ރަޝްމިކާ އާއި ވިޖޭ މިހާރު އަންނަނީ ވިއެޓްނާމްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އުމުރުން 27 އަހަރުގެ ރަޝްމިކާ ދެކުނު އިންޑިއާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑް ފިލްމުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަޝްމިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕުޝްޕާ 2"، "ރެއިންބޯ"، "ދަ ގާލްފްރެންޑް" އަދި "ޗާވާ" ހިމެނެ އެވެ.

ދެހާސް ބާވީހުގައި ރިލީޒްކުރި "ލައިގާ" އިން ބޮލީވުޑަށް ނުކުތް ވިޖޭ، 34، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "ކުޝީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފެމިލީ ސްޓާ" ހިމެނެ އެވެ.

ރަޝްމިކާ އާއި ވިޖޭ އެކީގައި ކުޅުނު ފިލްމުތަކަކީ 2018 ގެ ތެލެގޫ ފިލްމު "ގީތާ ގޯވިންދަމް" އާއި 2019 ގެ ތެލެގޫ ފިލްމު "ޑިއާ ކޮމްރޭޑް" އެވެ.