ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރި މުވައްޒަފުންގެ ކޮންޓްރެކްޓް އުވާލި މައްސަލާގައި އިހުތިޖާޖުކޮށްފި އެވެ.
ދިއްދޫގައި ކޮންޓްރެކްޓު އުވާލާފައި ވަނީ މިދިޔަ ސަރުކާރުން އެ ރަށު އައު އިންޖީނުގޭގެ މަސައްކަތަށް ނަގާފައިތިބި 50 އަށް ވުރެ ގިނަ މުވައްޒަފުންގެ އެވެ.
މި މައްސަލާގައި މިއަދު ހެނދުނު އެ މުވައްޒަފުން ވަނީ ނިކުމެ ރަށުގައި އެއްވުމެއް ބާއްވާފަ އެވެ. އޭގެ ތެރެއިން އެކަކު "ހުރިހާ" އަށް ބުނި ގޮތުގައި އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހަށް ކޮންޓެކްޓުގެ މުއްދަތު ހަމަވެފައިވާ މީހުންނެވެ. އެއީ ގާތްގަނޑަކަށް ހަތަރު މީހުން ކަމަށާއި ބާކީ ތިބީ މިހާރު ވެސް ކޮންޓްރެކްޓުގެ ދަށުން މަސައްކަތަށް ނިކުންނަ މީހުން ކަމަށް އޭނާ ބުނެ އެވެ.
"އަޅުގަނޑުމެން ކަނޑާލިކަން އެނގުނީ މިއަދު ހެނދުނު ޑިއުޓީ އަށް ނިކުތީމަ. ކުރިއާލާ އެއްވެސް އެންގުމެއް އަންގާފައެއް ނެތް. ކުއްލިއަކަށް މި ބުނަނީ ކޮންޓްރެކްޓު ބާތިލްކުރި ކަމުގެ ލިޔުމުގަ ސޮއިކުރާށޭ." އޭނާ ބުންޏެވެ.
ފެނަކަ ކުންފުނީގެ ދަރަނި ބޮޑުވެ، ކުންފުނީގެ ހިންގުމަށް ބުރޫ އަރާފައިވާތީ މި ސަރުކާރުން ވަނީ އެ ކުންފުނީގެ ކޮންޓްރެކްޓު މުވައްޒަފުންގެ އެއްބަސްވުން އައު ނުކުރަން ނިންމާފައެވެ. އަދި ކުރާނެ މަސައްކަތެއް މިހާރު ނެތް މުވައްޒަފުން ވެސް ވަކިކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ކުންފުނީގެ މިފަދަ އެއްވެސް ނިންމުމެއް ކުންފުނިން މުވައްޒަފުންނަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. އަދި އެކަން އެނގެނީ މީޑިއާތައް މެދުވެރިކޮށް ކަމަށާއި، އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ބުނެ އެވެ.
"50 އަކަށް މީހުންގެ ވަޒީފާ ކުއްލިއަކަށް ގެއްލުމަކީ ބޮޑު ގެއްލުމެއް ނޫންތޯ؟ އަދި ކޮންޓްރެކްޓު ހަމަވެފަ ތިބި މީހުން ދޫކޮށްލިޔަސް، ހަމަނުވާ މީހުންނަށް މިކަން ކުރިޔާލައި އަންގަން ވާނެ. އެކަމަކު އަޅުގަނޑުމެންނަށް މިކަންކަން މި އެނގެނީ ޚަބަރުގަ ޖެހީމަ."
އޭނާ ބުނީ މި މައްސަލާގައި މިހާރު ރަސްމީކޮށް ތަނުގެ އިސްވެރިންނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އަދި ޖަވާބެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.