ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން ހާލުގައި ޖެހިފައި ތިބި 21 މީހަކު ރާއްޖެ ގެނެސްފި އެވެ.

މިކަން އިއުލާންކުރީ ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

އިހުސާން ވިދާޅުވިގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 5 އާއިލާއެއްގެ މީހުންނެވެ. އެއީ 15 ކުޑަކުދިންނާއި 5 އަންހެނުންނާއި ފިރިހެނެކެވެ. އެ 15 ކުޑަކުދިންނަކީ ވެސް ފަސް އަންހެނުންގެ ދަރިން ކަމަށް އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެމީހުން ރާއްޖެ ގެނެސްފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ރާއްޖޭގެ ބިޔޯންޑް އެއާލައިންގެ ބޯޓު ޗާޓަރުކޮށްގެންނެވެ.

އިހުސާން ވިދާޅުވިގޮތުގައި މި މީހުން ރާއްޖެ ގެނައި ސީރިއާ އަދި ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައި ތިބި ކަމުގެ ރިޕޯޓު ލިބިގެންނެވެ. އަދި އެމީހުން ރާއްޖެ ގެނައުމުގައި އަމަލުކުރި ޕްރޮސީޖަރ ވެސް ވަނީ ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެމީހުން ރާއްޖެ ގެނައުމުގެ ކުރިން އެއީ ދިވެހިންކަން ކަށަވަރުކުރި ކަމަށާއި، އެކަމަށްޓަކާ ޑީއެންއޭ ޓެސްޓުތައް ވެސް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރަށް އެކި ފަހަރު މަތިން ދިވެހި ސިފައިން އެ ސަރަހައްދަށް ގޮސް، އެމީހުންނާ ބައްދަލުކޮށް އެސެސްމަންޓްތައް ހަދާފައިވާ ކަމަށާއި އެއީ ދިވެހިންކަން ޔަގީންވުމުން ވީ އެންމެ އަވަހަކަށް ދަތުރުގެ ކަންކަން ހަމަޖެއްސި ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ | މިހާރު

އެމީހުން ރާއްޖެ ގެންނަން އިއްޔެ ފޮނުވި ފްލައިޓުގައި ސިއްހީ ތަޖުރިބާކާރުން، ސަލާމަތީ ކަންކަން ބަލަހައްޓާ މީހުން، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނެ މީހުން އަދި ފުލުހުންގެ އިންޓެލިޖެންސް މީހުންގެ އިތުރަށް ތަހުގީގީ ފުލުހުން ހިމެނޭހެން 15 މީހުންގެ ޓީމެއް ފޮނުވާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެމީހުން ރާއްޖެ ގެނައުމުގެ ކަންކަމަށް ޚަރަދުވީ ޖުމްލަ ގާތްގަނޑަކަށް 120،000 ޑޮލަރު (1.8 މިލިއަން ރުފިޔާ) އެވެ.

މީގެ ކުރިން ވެސް ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައި ތިބި ބައެއް ދިވެހިން ރާއްޖެ އަނބުރާ ގެނެސްފައިވާއިރު، މިފަދަ އާއިލާތައް މުޖުތަމައުއަށް ނެރުމުގެ ކުރިން ވަކިން ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންގޮސް، ޚާއްސަ ނަފްސާނީ ފަރުވާ ދެއެވެ. އަދި ރީއިންޓަގްރޭޓް ކުރަނީ ޚާއްސަ އެސެސްމަންޓްތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެމީހުންނަކީ އާންމު މުޖުތަމައުގައި އުޅުމަށް ފެތޭ ބައެއްކަން ކަށަވަރުކުރުމަށް ފަހު އެވެ.

އެގޮތުން 2022 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ ގެނައި އާއިލާ މިހާރު ވަނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު އާންމު މުޖުތަމައުއަށް ނެރެފަ އެވެ

އިހުސާން ވިދާޅުވިގޮތުގައި މި 21 މީހުންނާއި މެދުވެސް އަމަލުކުރާނީ ހަމަ އެ އުސޫލުގެ ދަށުންނެވެ. އެގޮތުން އެމީހުންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަން ފަރުވާއާއި، އެސެސްމަންޓްތަކުގެ އިންތިޒާމްތައް މިހާރު ވެސް ހަމަޖެހި ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.