ކާނި ހޮޓެލްސް އެންޑް ޓުއާސްގެ މުވައްޒަފުންނަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދީފި އެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކާނި ހޮޓެލްސްގެ 194 މުވައްޒަފަކަށް ސާވިސް ޗާޖު ދިން އިރު، ކޮންމެ މުވައްޒަފަކަށް 441 ޑޮލަރު ނުވަތަ 6،800ރ. ލިބިފައިވެ އެވެ. ރާއްޖޭގައި މިހާތަނަށް އައިއިރު، އެއްވެސް ގެސްޓްހައުސްއަކުން މިހާ ބޮޑު ސާވިސް ޗާޖެއް ނުދެ އެވެ.

މިއީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން ދެމުން އަންނަ ސާވިސް ޗާޖަށް ވުރެ ބޮޑު އަދަދެކެވެ.

އެ ކުންފުނިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 420 ޑޮލަރު (6،476ރ.) ދީފައިވެ އެވެ. އެ ފަހަރު ވެސް ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ.

އެހެން ބައެއް ގެސްޓްހައުސްތަކާ ހިލާފަށް ކާނި ހޮޓެލްސް އިން އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ މަހަކު ވެސް ސާވިސް ޗާޖުދޭ އިރު، ސާވިސް ޗާޖް މުވައްޒަފުންނަށް ބަހަމުން އަންނަނީ ހަމަހަމަކަމާ އެކީގައި އެއްވެސް މުވައްޒަފެއް ތަފާތު ކުރުމެއް ނެތި އެވެ.

ކާނި ހޮޓެލްސް އިން އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2008 ވަނަ އަހަރު މާފުށީގަ އެވެ. ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އެންމެ ފުރަތަމަ މާފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ފެއްޓެވުމުގެ ޝަރަފް ވެސް ހޯއްދަވާފައިވާ ބޭފުޅާ އެވެ. އަބްދުﷲ ވެފައި ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގެވުމުގެ ޝަރަފް ވެސް ހޯއްދަވާފައިވާ ހަމައެކަނި ބޭފުޅާއަށެވެ.

އަބްދުﷲ އެންމެ ފުރަތަމަ މާފުށީގައި ހުޅުއްވީ "ކާނި ބީޗު" ނަމުގައި ހޮޓަލެކެވެ. އޭގެ ފަހުން އޭނާ ވަނީ "ކާނި ލޮޖް"، "ކާނި ވިލެޖް އެންޑް ސްޕާ"، "ކާނި ގްރޭންޑް ސީވިއު" އަދި "ކާނި ޕާމް ބީޗު" ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ހުޅުއްވައިފައެވެ. އެއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު އެބަހުއްޓެވެ.

ކާނި ހޮޓެލްސް އިން ކޮންމެ އަހަރަކު ދެ މުވައްޒަފުން ހައްޖަށް ވެސް ފޮނުވަ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ދެ މުވައްޒަފަކު ހައްޖަށް ފޮނުވާފައިވެ އެވެ.

މިވަގުތު ވެސް ކާނި ހޮޓެލްސްގެ ދެ ހޮޓަލް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ހޮޓަލަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. އެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.