ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރި ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ދިއްދޫ ފެނަކަ ބްރާންޗުން ވަކިކުރީ އައު އިންޖީނުގޭގެ މަސައްކަތަށް ނަގާފައުވާ 53 ކޮންޓްރެކްޓް މުވައްޒަފުންނެވެ. އެ މުވައްޒަފުން ވަކިކުރި މައްސަލާގައި އިއްޔެ އެމީހުން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
މި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް އެދި އެ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމަށް ފޮނުވި ސިޓީގައި ވިދާޅުވީ ދިއްދޫގައި ފެނަކަ އިން ހަދަމުން އަންނަ އާ އިންޖީނުގެ އާއި އައިސްޕްލާންޓުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި މުވައްޒަފުން ވަކިކުރުން ބަލައިނުގަނެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މަސައްކަތް ނުނިމެނީ ވެސް އެއްވެސް އެއްވެސް ނޯޓިސްއަކާ ނުލައި, ކުއްލި ގޮތަކަށް ވަކިކުރުމުން މުވައްޒަފުންނާއި, އެމީހުންގެ އާއިލާތަކަށް ނުތަނަވަސް ކަމާއި, ގެއްލުން އަދި ނިކަމެތިކަން ލިބިފައވާ ކަމަށެވެ. އެހެންވެ އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބައިތިއްބައި ދިނުމަށް, ފެނަކައަށް ދެންނެވުމަށް ވެސް ސިޓީގައި އެދިފައިވެ އެވެ.
ދިއްދޫގެ ފެބަކައިގައި މަސައްކަތްކުރާ 50 އަށް ވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު "ހުރިހާ" އަށް ބުނި ގޮތުގައި އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހަށް ކޮންޓެކްޓުގެ މުއްދަތު ހަމަވެފައިވާ މީހުންނެވެ. އެއީ ގާތްގަނޑަކަށް ހަތަރު މީހުން ކަމަށާއި ބާކީ ތިބީ މިހާރު ވެސް ކޮންޓްރެކްޓުގެ ދަށުން މަސައްކަތަށް ނިކުންނަ މީހުން ކަމަށް އޭނާ ބުނެ އެވެ.
ފެނަކަ ކުންފުނީގެ ދަރަނި ބޮޑުވެ، ކުންފުނީގެ ހިންގުމަށް ބުރޫ އަރާފައިވާތީ މި ސަރުކާރުން ވަނީ އެ ކުންފުނީގެ ކޮންޓްރެކްޓް މުވައްޒަފުންގެ އެއްބަސްވުން އައު ނުކުރަން ނިންމާފަ އެވެ. އަދި ކުރާނެ މަސައްކަތެއް މިހާރު ނެތް މުވައްޒަފުން ވެސް ވަކިކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ކުންފުނީގެ މިފަދަ އެއްވެސް ނިންމުމެއް ކުންފުނިން މުވައްޒަފުންނަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. އަދި އެކަން އެނގެނީ މީޑިއާތައް މެދުވެރިކޮށް ކަމަށާއި، އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ބުނެ އެވެ.