ރާއްޖެ އަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން މިއަދު ބަލައިގަތީ ހެޕަޓައިޓިސް ބީ ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޑަބްލިއުއެޗްއޯ އާއި ހަވާލާދީ އެޗްޕީއޭ އިން ބުނީ އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ހެދުނު ސާވޭގެ ނަތީޖާއަށް ބަލާއިރު، އެއްވެސް ކުއްޖެއްގެ ގައިން މި ބަލި ފެނިފައި ނުވާ ކަމަށެވެ. މީގެ އިތުރަށް މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީ އަށް ސްކްރީން ކުރުމާއި އެ ބައްޔަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ޕޮޒިޓިވް ވެފައިވާ އަންހެނުން ވިހާ ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން އަންނަކަން އެ ސާވޭއިން އެނގިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ހެޕަޓައިޓަސް ބީ އަކީ ހެޕަޓައިޓިސް ބީ ވައިރަހުގެ ސަބަބުން ލިވާއަށް ޖެހޭ އިންފެކްޝަނެކެވެ. އެ ބަލީގެ މައިގަނޑު ފަސް ބާވަތެއް ހުރި ނަމަވެސް އެންމެ އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އާއި ސީ އެވެ.
ރާއްޖެ އިން ވަނީ 1993 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް އަމާޒުކޮށް ހެޕަޓައިޓިސް-ބީ ވެކްސިން ދޭން ފަށައިފަ އެވެ. އަދި މާބަނޑު އަންހެނުން ވެސް ހެޕަޓައިޓިސް ބީއަށް ޓެސްޓު ކުރެވެ އެވެ.