މާލޭގެ ހެންވޭރުގައި ހުންނަ ކެފޭއެއްގައި މިއަދު ހަވީރު ގޭސް ފުޅިއެއް ގޮވައި އެ ކެފޭގެ ކައްކާ އާއި އިތުރު ދެމީހަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބުނަނީ 5:02 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި ގޭސް ފުޅި ގޮވާފައި ވަނީ ހެންވޭރު ކިނބިގަސް މަގުގައި ހުންނެ ފާސްޓްފުޑް އައުޓްލެޓް އެންޖީބީ ގަ އެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އެތަނުގެ ކައްކާއަށް ކަމަަށާއި، ސްރީ ލަންކާ އަށް ނިސްބަތްވާ އެމީހާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކައްކާގެ އިތުރުން އެ ސަރަަހައްދު މަގުމަތީ ތިބި ދެ މީހަކަށް ވެސް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކިނބިގަސް މަގުގައި ހުންނަ ފާސްޓްފުޑް އައުޓްލެޓްގައި މިއަދު ހަވީރު ގޭސް ފުޅިއެއް ގޮވައިގެން ގެއްލުން ލިބިފައި. ފޮޓޯ: އެމްއެންޑީއެފް

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައި ވަނީ އެތަނުގެ ޗެފްގެ އިތުރުން ދިވެހި ދެ އަންހެނަކަށް ކަމަށެވެ. އަދި އެ ދެ އަންހެނުންނަށް އަނިޔާވީ އެތަނުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ވަގުތު ބުރައިގެން ދިޔަ ބިއްލޫރިކޮޅުތަކުން ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމްވި ދިވެހި ދެ އަންހެނުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަބެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެކަމަކު އެމްއެންޑީއެފް އިން އާއްމުކުރި އެތަނުގެ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާގައި އެ ކެފޭގެ ބޭރުގެ ބައެއް ބިއްލޫރިގަނޑު ތަޅައިގެން ގޮސް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.