އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސައުދީގެ ރައްޔިތުންނަށް ކަނޑު، އެއްގަމު އަދި ވައިގެ މަގުން ބައިނަލްއަގްވާމީ ދަތުރުތައް ކުރުމަށް ހުއްދަދޭން ނިންމައިފި އެވެ.

މިކަން މިގޮތަށް ކުރިއަށް ގެންދެވޭނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ އެސްޕީއެފް އިން ވަނީ ބުނެފަ އެވެ.

ސައުދީން ބުނެފައި ވަނީ ޖީސީސީ ރައްޔިތުންނާއި ސައުދީގެ ރައްޔިތުން ނޫން މީހުންނަށް ވެސް ކޮވިޑް-19 ނެތްކަން ސާބިތުކޮށްދިނުމުން ސައުދީއަށް އެތެރެވެވޭނެ ކަމަށެވެ. މިކަމަށްޓަކައި 48 ގަޑިއިރު ނުވާ ކޮވިޑް-19 ޓެސްޓެއްގެ ނަތީޖާ ހުށައަޅަން ޖެހޭނެ އެވެ. އަދި މި ޓެސްޓް ހަދަން ވާނީ އެކަމަށް ހުއްދަ ދެވިފައިވާ ގަބޫލުކުރެވޭ ފަދަ ތަނަކުންނެވެ.

ޕެންޑެމިކްގެ ހާލަތަށް ބަލާފައި އުމްރާގެ އަޅުކަމަށް މީހުން އައުމަށް ގޮތެއް ނިންމާ، އެކަން އިއުލާނުކުރާނެ ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

ސައުދީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އެޅުނު ފުރަބަންދުގެ ފިޔަވަޅުތަކަށް މެއި މަހުން ފެށިގެން ލުއި ދޭން ފަށާފައިވީ ނަމަވެސް، މިހާތަނަށްވެސް ބައިނަލްއަގްވާމީ ދަތުރުތައް އޮތ މެދުކަނޑާލަފަ އެވެ.

ސައުދީ އަރަބިއާއިން ޖުމްލަ 325،651 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު 4،268 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. -އަލް އަރަބިއާ