ގއ. ވިލިނގިލީގެ އުމުރުން 13 އަހަރުގެ ހާލު ދެރަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގައި ލަސްތަކެއްވެ، އެންމެފަހުން އެ ކުއްޖާ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް މަރުވި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ.

އަދި އެމަޖެންސީ އިވެކުއެޝަން އަވަސްކުރުމަށް މަސައްކަތް ކުރުމުން ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިމަޖެންސީ އިވެކުއެޝަންގައި ބޭނުން ކުރުމަށް ހާއްސަ ފްލައިޓް އަދި ހެލިކޮޕްޓަރު ތައްޔާރަށް އޮތް ކަމުގައިވީ ނަމަވެސް އޭގެ ބޭނުންނުކޮށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓް ލިބެން އޮތް މަގުތަކަށް ވަރިހަމަކޮށް އެ ކުއްޖާ އަށް ބޭނުންވާ އަވަސް ފަރުވާ އަވަހަށް ލިބުމަށް ގަސްދުގައި ހުރަސްއަޅާފައިވާ ކަމަށް ސައުދު މަޖިލީހަށް ހުށައެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.

އެގޮތުން މީގެކުރިން ވެސް މިފަދަ ހާލަތްތަކުގައި އައިލެންޑް އޭވިއޭޝަންގެ ފްލައިޓް ލިބުން ލަސްވާ ހާލަތްތަކުގައި ސިފައިންގެ ބެލުމުގެ ދަށުން ހެލިކޮޕްޓަރު ނުވަތަ ޑޯނިއާ ފްލައިޓް ބޭނުންކޮށްގެން ބަލި މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ވީ އެންމެ އަވަހަށް މާލެ ގެނެވި ފަރުވާދެވި، އެތަށް ރައްޔިތަކަށް ހިދުމަތް ފޯރުކޮށްދީފައިވާއިރު އެ ވަސީލަތްތައް މިހާރުވެސް ބޭނުން ކުރެވޭ ހާލަތުގައި ތައްޔާރަށް އޮވެ، ސަރުކާރުން އެ ވަސީލަތްތަކުގެ ބޭނުން ނުހިފާ ރައްޔިތުންނަށް ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް ވަރިހަމަކޮށް ނިންމުމުގެ ސަބަބުން ހިދުމަތް ދޭން ލަސްވި ކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވަނީ މި ހާދިސާގައި ރާއްޖޭގައި މިވަގުތާއި ހަމައަށް ލިބެންހުރި އިމަޖެންސީ އިވެކުއޭޝަން ވަސީލަތްތަށް ބޭނުންނުކޮށް، ގަސްދުގައި އަވަސް ފަރުވާ އަށް މާލެ ގެނައުން ލަސްވި މައްސަލަ ބަލާ ދިރާސާކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން މި ހާދިސާގައި އެކި މުއައްސަސާތަކުން ވެފައިވާ އިހުމާލުތައް ބަލަން މަޖިލީހުގެ ސަމާލުކަމަށް މައްސަލަ ގެންނަ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ އިމަޖެންސީ ވޭދަނައެއް އަތުވެއްޖެނަމަ، ޝެޑިއުލް ފްލައިޓްތަކަށް ވުރެ އިސްކަމެއް ދީގެން ޗާޓަރު ފްލައިޓްތަކަށް އިސްކަމެއް ދިނުމަށް ހަމަޖައްސާފަ އެވެ.

އަދި ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.