ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވި ބައެއް މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ފަހު "އުނބަށް" ޖެހި މައްސަލައިގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަކިކުރަން ގޮވަން ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި ގާތްގަނޑަކަށް 17 ވަރަކަށް ދާއިރާ އިން 60 އެއްހާ މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އަބްދުއްރަހީމް ނިންމެވި އެވެ.

އެ ކެންޑިޑެސީ ފޯމްތައް ބަލައިނުގަތީ ޕީއެންސީން ވެރިކަމަށް އައި ފަހުން ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދި ކަމުގެ ތުހުމަތުކޮށްގެންނާއި ޕާޓީ އަށް އެކަށީގެންވާ ވަރުގެ ހިދުމަތްތަކެއް ކޮށްދީފައި ނުވާ ކަމަށް ބުނެ އެވެ. މި ދެ ތުހުމަތު ކުރުމާ ގުޅިގެން ކެންޑިޑެސީ ބަލައިނުގަތް ގިނަ މީހުން ތިބީ ވަރަށް ބޮޑަށް އަބްދުއްރަހީމް އާ މެދުގައި ހިތްހަމަނުޖެހިފަ އެވެ.

ޕީޕީއެމްގެ އެކިއެކި ގްރޫޕްތަކުގައި އަންނަނީ އަބްދުއްރަހީމް އާ ދެކޮޅަށް އެކިއެކި ހިޔާލުތައް ފާޅު ކުރަމުންނެވެ. އަދި އޭނާ މަގާމުން ވަކި ކުރަން ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

އަބްދުއްރަހީމް އެ ނިންމުން ނިންމަވާފައި ވަނިކޮށް ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމުން ބަދަލު ކުރައްވައިފަ އެވެ.

އަބްދުއްރަހީމް "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ބައެއް މީހުންނަށް ކުރިމަތިނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ހުރިހާ އެންމެންނަށް ވެސް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ޕީއެންސީ މެމްބަރުންނަށް ތަފާތު ތުހުމަތުކޮށް ބައެއް މެންބަރުންނަށް، އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ނުދިނުމުން ޕީއެންސީގެ އޮފީހުގައި މަސްލަހަތު ގެއްލި ބޮޑު ޒުވާބެއް ރޭ ވަނީ ހިނގައިފަ އެވެ. ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު ބައެއް މެންބަރުންނާއި ސަޕޯޓަރުން ގޮސް ޕާޓީގެ އިދާރީ މުވައްޒަފުންނަށް ޝަކުވާކޮށް އަޑުގަދަކުރާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ އަންނަ 17 މާޗުގަ އެވެ. މި އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ތާރީހު އެކި ފަހަރުމަތިން ބަދަލުކުރަމުން ގޮސް، މިހާރު ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.