އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ތިބި ބަޔަކު ރާއްޖޭގެ މަސްދޯންޏަކަށް އަރާ ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3" ދޯންޏަށް އިންޑިއާ އަސްކަރިއްޔާ ކަމަށް ބުނާ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފަ އެވެ.

މި ހާދިސާ ހިނގިއިރު، ދިވެހި ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ދަނީ ހިނގަމުންނެވެ.

އިންޑިއާ ސިފައިން އަންނަ މާޗް 15ގެ ކުރިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އެދިފައިވެ އެވެ. ނަމަވެސް އެކަމަށް އިންޑިއާއިން މުޅިން އެއްބަސްވި ކަމެއް އެނގިފައެއް ނުވެ އެވެ.

އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގެ މަސް ދޯންޏަކަށް އެރުމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސް ދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އިތުރު ތަފުސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.