‏ގއ.ވިލިނގިލިން ހޯއްގޮވާ ކެއްސުން ނުވަތަ ޕަޓޫސިސް ކޭސްގެ އަދަދު ފަހަކަށް އަރައިފި އެވެ.

އެ ރަށުން މި ބަލި ގިނަ އިން ޖެހިފައި ވަނީ ކުޑަކުދިންނަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޯއްގޮވާ ކެއްސުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ ގޮތުގައި 177 މީހުން އެބަތިބި އެވެ. އަދި އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދު 25 އަށް އަރައެވެ. އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު އަދަދު 46 އަށް އަރާއިރު ހައި ރިސްކުންގެ ގޮތުގައި ދެ ކޮންޓެކްޓުން އެބަތިބި އެވެ.

ޕްރޮފައިލެކްސް ވެކްސިން ދީފައި ވަނީ 27 މީހަކަށެވެ.

މި ބަލި ފެތުރެނީ ނޭލާވާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމަތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ މި ކެއްސުން ދިގުލައިގެން ދެއެވެ. ތުއްތު ކުދިންނަށް މީގެއިތުރުން ވެސް އެހެން އަލާމާތްތައް ފެނިދާނެ އެވެ. އަދި ދި ވެކްސިން ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ ބަލީގައި މާބޮޑެތި އަލާމަތްތަކެއް ނުފެނިދާނެ އެވެ.

ބަލި ޖެހުުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދީންނަށެވެ. އެހެން ކަމުން ހަތް އަހަތު ނުވާ ކުދީންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަަމަ ކުރަން އެޗްޕީއޭ އިން އިރުޝާދުދެ އެވެ.

މީގެއިތުރުން ރޯގާ ޖެހި ކެއްސާ މީހުންގެ ތެރެއިން ކެއްސުން ދިގުލައިގެންދާ ނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާ ނަމަ، ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދަން ޖެހެ އެވެ.