ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލާ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. މިކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޝަމީމަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލާ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހްގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވާހަކަ ދައްކަވަނީ

ޕީޖީއަށް ދިން ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކުރައްވާފަ އެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެމީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެކަމަށްވެސް ސީފީ ޝުޖާއު ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ފަހަތުގައި އަދިވެސް އިތުރު ބަޔަކު ތިބޭނެކަމަށް ބަލައިގެން ތަހުގީގްކުރަމުން އަންނަކަމަށެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.