މުސާރަ ލަސް ވިޔަސް ޅެމެކެވެ. އިނދެގެން އުޅޭ ބައިވެރިޔާ ނުރުހުނަސް ޅެމެކެވެ. މިއީ މި ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ހިނގަމުން އަންނަ "ޓްރެންޑެވެ".
ކޮންމެ ކަމަކާ ގުޅުވައިގެން ޅެމެއް ސޯޝަލް މީޑިއާގައި އާއްމުވީ މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރު ނަސީރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އެ ކަމާ ގުޅުންހުރި ދިރާސާތަކާ މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ދަރަޖައެއް ލިބިގެންދާނެ ކަމަށް ނަސީރު ވަނީ ވިދާޅުވެފަ އެވެ.
"މިހާތަނަށް އަޅުގަނޑުމެނަށް މި މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ކުރެވިދާނެކަމެއް. އަދި މި ބޭފުޅުން ވިދާޅުވަނީ ކުރަންވެއްޖެކަމެެއް ކަމަށް،" މިނިސްޓަރު ނަސީރު ވިދާޅުވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށާއި ހިތްވަރު އާލާކުރެވި ފިކުރުތަކާއި ދުރުކުރެވޭނެ ކަމެއް ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.
"ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިމީހުންނަށް އެ މީހުންގެ ވޭންތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކާ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ނަސީރު އެހެން ވިދާޅުވުމުން ކޮންމެ ހާލަތަކާ ގުޅުވައިގެން ވެސް މި ދުވަސްވަރު ދިވެހިންގެ އިހުސާސްތައް ބޭރުކޮށްލަނީ ދިވެހި ލަވައެއްގެ ޅެމަކުންނެވެ. އެއީ ވަޒީފާގެ މާލހައުލު ނުވަތަ ޒާތީ ދިރިއުޅުން ކަމުގައި ވިޔަސްމެ އެވެ.
ޅެމަކުން ދިވެހިންގެ އިހުސާސްތައް ކިޔައިދިނުން އާއްމުވެއްޖެ އެވެ. ވަކި ހާލަތެއްގައި ވަކި ލަވައެއްގެ ޅެން ދުވާލަކު ތިންފަހަރު ކިޔަން ވެސް ދަނީ އިރުޝާދު ދެމުންނެވެ.
މިއީ ވަކި ބަޔަކަށް ހެއްވާ މަޖާ ކަމަކަށް ވާއިރު އަނެއްބަޔަކު މިކަން ކުރަނީ ދިވެހި ޅެންތައް އެހެން މާނަތަކުގައި ބޭނުން ކުރުމަށެވެ.
ކޮންމެއަކަސް މިކަމުން ވެސް އެނގިގެން ދަނީ ދިވެހި ޅެންވެރިންގެ ކުޅަދާނަ ކަމެވެ. ކޮންމެ އިހުސާސަކާ ގުޅޭގޮތަށް ވެސް ޅެންތައް ހަދާފައިވާ ކަމެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިންގެ ޅެންވެރިކަމަށް މިގޮތަށް ސަމާލުކަން ދެވިއްޖެނަމަ އިސާހިތަކު ދިވެހި ޅެންވެރިކަން ކުރިއަރައި ގޮސްދާނެ އެވެ.