ރިޔާޒް (8 ފެބްރުއަރީ) - މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި އީރާނާ އޮންނަ ގުޅުމުގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރުއަރާ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.

މިސްރުގެ ކައިރޯގައި ބޭއްވި އަރަބި ލީގުގެ އިމަޖެންސީ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ އިރާންގެ ނިއުކްލިއާ ޕްރޮގްރާމާއި އަދި އެ ގައުމުގެ ބެލެސްޓިކް މިސައިލްތަކުގެ ސަބަބުން އެސަރަހައްދުގެ ސުލްހައަށް ބުރޫއަރާ ކަމަށެވެ. އަދި ހަނގުރާމަވެރި ޖަމާއަތްތަކާއި އިރާނުން ވާގިވެރި ހަތިޔާރާއި، ތަމްރީނު އަދި އެހެނިހެން އެހީވަމުން ދިއުމުން ސަރަހައްދުގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވަނީ އީރާންގެ މިފަދަ އަމަލުތަކަށް ދުނިޔޭގެ ބާރުތަކުން ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަ ވެރިންނާއި، ލުބުނާން އަދި އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭކަމަށް ސައުދީން އަބަދުވެސް ތުހުމަތު ކުރެ އެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ ބަދަލުގައި ހޫތީން ހަނގުރާމަވެރިން ވެސް ވަނީ ސައުދީ އަށް ހަމަލާދީފަ އެވެ.

ފާއިތުވެދިޔަ ދެ ދުވަހު ހޫތީ ހަނގުރާމަވެރިން ވަނީ ޑްރޯން ބޭނުންކޮގެން ހަމަލާދީފަ އެވެ. މިކަމާ ގުޅިގެން ސައުދީން ވަނީ އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުންދިނުން ހުއްޓާލުމަށް ހޫތީ ހަނގުރަމަވެރިންނަށް ގޮވާލާފަ އެވެ.

އަރަބި ލީގުގެ މި ބައްދަލުވުމަކީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށާއި އަދި އަރަބި ގައުމުތަކުގެ ގުޅުން ރަނގަޅުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.