މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 124 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެއީ ދައުލަތުން ގެރެންޓީދީފައިވާ 14 ބިލިއަން ރުފިޔާ ވެސް ހިމެނޭ ގޮތަށެވެ.
މިދިޔަ އަހަރު ފެށުނު އިރު ދައުލަތުގެ ދަރަނި ހުރީ 114 ބިލިއަން ރުފިޔާގަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެތެރޭގެ ދަރަނި ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުން ނެގި ލޯނުތަކުގެ އަދަދު އުޅެނީ 51 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ އެތެރޭގެ ދަރަނި ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 68 ޕަސެންޓުގަ އެވެ. އަދި ބޭރުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 48 ޕަސެންޓުގަ އެވެ.
ދައުލަތުގެ އެތެރޭގެ ދަރަނީގެ ތެރެއިން 59 ބިލިއަން ރުފިޔާ ނަގާފައިވަނީ ޕެންޝަން އޮފީހާއި ކޮމާޝަލް ބޭންކުތަކުންނެވެ. އަދި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް މިދިޔަ އަހަރު 8.7 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ. މިދިޔަ އަހަރުގެ އެތެރޭގެ ދަރަނި އަދާ ކުރަން 458 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ދަރަނި އިތުރުވަމުން އަންނަ އިރު 2026 ވަނަ އަހަރަކީ ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އެއް ފަހަރާ ދައްކަން ޖެހޭނެ އަހަރެވެ. އެ އަހަރު އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.
އެ ދަރަނި އަދާ ކުރުމަށް ސަރުކާރުން ވަނީ ސޮވަރިން ފަންޑު މެދުވެރިކޮށް އޭގެ ތެރެއިން 9.8 ބިލިއަން ރުފިޔާ ބޭނުން ކުރަން ނިންމާފަ އެވެ. އެ ފަންޑުގައި މިވަގުތު 7.4 ބިލިއަން ރުފިޔާ ހުރި އިރު މި އަހަރު ނިމޭ އިރު އެ އަދަދު 9.7 ބިލިއަން ރުފިޔާ ގެންދިއުމަކީ ސަރުކާރުގެ އަމާޒެވެ.