ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން %60 މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީން ހާމަކުރި ގޮތުގައި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި އިރު، ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމުގެ އެވެ. އަދި %19.7 މީހުންނަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ހުރި ފޯމެވެ. އަދި ޝަރުތު ފުރިހަމަ ނުވާ %59.6 ފޯމް ހުރިކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފޯމެވެ.

ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ފޯމްގަިއ ދީފައިވާ މައުލޫމާތު ފުށުއެރުމާއި ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް، އުސޫލާ ހިލާފަށް ޕޮއިންޓް ދިނުން ހިމެނެ އެވެ.

މި ފްލެޓްތަކަށް އެދި 20،697 ފޯމު ހުށަހަޅާފައިވާ އިރު، އޭގެތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 18،167 ފޯމެވެ. މި ފްލެޓްތަކުގައި ތިން ކޮޓަރީގެ 2،712 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 1،188 އެޕާޓްމަންޓް ހިމެނެ އެވެ. އަދި ހަމައެއާއެކު ކަސްޓަމްސްއަށް 100 އެޕާޓްމަންޓު ވަނީި ކަނޑައަޅައިފަ އެވެ.

އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި އެޕްލިކަންޓް ނުވަތަ ކޯ އެޕްލިކަންޓުގެ ނަމުގައި ސޯޝަލް ހައިސިންގ ލިބިފައިވާ ހާލަތުގައިވެސް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައެޅުމާއި މަހަކަށް ޖެހޭ އާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތްތައް، ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައެޅުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބަލަމުންދާ ކަމަށް ފޯމުގައި ބަޔާންކޮށްފައި ނުވިނަމަ ވެސް އެބަޔަށް ޕޮއިންޓުދީފައިވުން އަދި އެބަޔަށް ޕޮއިންޓު ދިނީ ކޮން އަސާސެއްގެ މައްޗަށްކަން އެނގެން ނެތުމާއި ފޯމުގެ އެކި ބައިތަކުގައި ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރިނަމަވެސް އެކަމަށް ރިއާޔަތްކުރުމެއް ނެތި ޕޮއިންޓް ދިނުން ހިމެނެ އެވެ.

އަދި ދަރިޔަކު ނެތްކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ މައުލޫމާތަށް ރިއާޔަތްކުރުމެއްނެތި ދަރިންގެ ބަޔަށް ޕޮއިންޓު ދީފައިވުމާއި ފަސޭހައިން ހޯދެން ހުރި މައުލޫމާތު ނުހޯދައި ފްލެޓް ލިިސްޓުގައި ޕޮއިންޓުދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން 4،000 ފްލެޓް، އުސޫލާ ހިލާފަށް އެކުލަވާލި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވައިފަ އެވެ. ވަކި ކަންތައްތަކަށް ބަލައިގެން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް އެ ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.