ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިން މަރުވި 56 ވަނަ މީހާ އެވެ.

ވިލިނގިލީގައި މިއަދު މަރުވެފައިވަނީ ގދ. ދެއްވަދޫއަށް ނިސްބަތްވާ، ތުއްތު އިބްރާހިމް އެވެ. ތުއްތު އިބްރާހިމްއަކީ އުމުރުން 70 އަހަރުން މަތީގެ މީހެއް ކަމަށްވެ އެވެ.

އެ މީހާ މަރުވެފައި ވަނީ ވިލިނގިލި ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތާ މަހެއްހާ ދުވަސް ފަހުންނެވެ. ކޮވިޑް ފެސިލިޓީގައި އޭނާ އެޑްމިޓް ކުރެވުނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

މިއަދު މަރުވި ތުއްތު އިބްރާހިމްއަކީ، މިދިޔަ މަހުގެ ކުރީކޮޅު ދެއްވަދޫގައި ފެތުރެންފެށި ކޮވިޑް ކްލަސްޓާގައި ބަލިޖެހުނު މީހެކެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން އަނެއްކާވެސް ހަލުވި ވެފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑް ޖެހިގެން މީހަކު ވަނީ މަރުވެފަ އެވެ. އަދި މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް މީހަކު މަރުވެފައިވާއިރު މިއަހަރު ފެށުނު ފަހުން ރާއްޖޭގައި ކޮވިޑް ޖެހިގެން ޖުމްލަ 8 މީހުން ވަނީ މަރުވެފަ އެވެ.