ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ސުވާލު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި ލައިވް އޮންނާނީ މިރޭ 8:30 ގައި ކަމަށެވެ.

ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު ބައި މެދުވެރިކޮށް ސުވާލު ކުރެވޭނެ އެވެ. އާންމުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީގެ ޕޯސްޓުގައިވެ އެވެ.

މިއީ މިފަދަ ފޭސްބުކް ލައިވްއެއްގައި ވަޒީރަކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ފުރަތަމަ ފަހަރެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށް ހުޅުވާލައިގެން ލައިވްއެއް ކުރިއަށް ގެންދާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރަކީ ވީހާވެސް ބޮޑަކަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ސަރުކާރަކަށް ހަދާނެ ކަމަށެވެ.

އެގޮތުން ރައްޔިތުން ވަޒީރުންނާ ސުވާލު ކުރުމަށް "އަހާ" ގެ ނަމުގައި ވެސް ސަރުކާރުން ދާދި ފަހުން ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ. އަދި ރައީސް މުއިއްޒު ވެސް ކޮންމެ ދުވަހަކު ހެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޕްރޮގްރާމެއް ވަނީ ފައްޓަވައިފަ އެވެ.