ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ޖަމާކޮށްފައިވާ ވަނީ ހަތް އެކައުންޓަކަށްކަން ހާމަވެއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާނަތަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކަން ދިމާވި މީހާގެ ފިރިމީހާ ސޯޝަލް މީޑިއާގައި ވަނީ ބޭންކު ސްޓޭޓްމަންޓްތައް އާންމުކޮށްފަ އެވެ. ސްޓޭޓްމަންޓުން ދައްކާގޮތުގައި ދެ ލައްކަ ރުފިޔާ ހަމަކޮށްފައި ވަނީ ހަތް އެކައުންޓަކަށް އެކި މިންވަރަށް ފައިސާ ޖަމާކޮށްގެންނެވެ.

އެ ފައިސާ ފޮނުވީ އީމެއިލް އާއި ޕާސްވޯޑްގެ މައުލޫމާތު ހޯދައިގެންނެވެ. އެ ފައިސާ ޖަމާވީ ހަތަރު އަންހެނަކާއި ތިން ފިރިހެނެއްގެ އެކައުންޓަށެވެ.

އޭނާގެ ފިރިމީހާ ބުނީ އެ ފައިސާ ފޮނުވުނީ އޮޅުމެއްގެ ތެރެއިން އަނބިމީހާއަށް އެ މައުލޫމާތުތައް ދެވުމުން ކަމަށެވެ.

އެ ޖަރީމާ ހިންގުމުގައި ވިލިނގިލީގެ ބަޔަކު ބައިވެރިވި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ. އޭނާ ބުނީ އެ ފައިސާ އެރަށު އޭޓީއެމަކުން ނަގާފައިވާ ކަމަށެވެ.

ފައިސާ ޖަމާކުރި ގޮތުގެ ތަފްސީލް:

- ފާތިމަތު އީނާޝް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް 50،000ރ.

- އައިޝަތު ހިކުމާ އިބްރާހިމްގެ އެކައުންޓަށް ވެސް 50،000ރ.

- މަރިޔަމް ސިބާނާ ކިޔާ މީހާގެ އެކައުންޓަށް ޖަމާކުރީ 20،000ރ.

- މުނީރާ މުހައްމަދު ކިޔާ މީހަކަށް ފޮނުވީ 25،000ރ.

- އިމްރާން މުހައްމަދުގެ އެކައުންޓަށް 25،000ރ.

- ޝިހާމް އިބްރާހިމްގެ އެކައުންޓަށް 25،000ރ.

- ހަސަން ފިރުޝާންގެ އެކައުންޓަށް 5،000ރ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި އަންނަނީ ގިނަވަމުންނެވެ. ފުލުހުން ބުނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށެވެ.