ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، 40 ދާއިރާއަކަށް ވާދަ ކުރައްވާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިއަދު ބުނެފި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ 40 ބޭފުޅެއްގެ ތެރެއިން 15 ބޭފުޅަކު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފަ އެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާ ބައެއް ބޭފުޅުންގެ ފޯމު ހުށަހެޅުއްވުމަށް، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅުން އީސީއަށް ވަޑައިގެން ފޯމުތައް ހަވާލުކޮށްދެއްވި އެވެ.

ފޯމުތައް ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ކުރީގެ ޓެކްނޮލެޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާ އެކު މިފަހަރުގެ މަޖިލިސް އިންތިހާބާގައި 40 ބޭފުޅަކު ވާދަ ކުރައްވާނެ ކަމަށެވެ. އަދި މިއަދު 15 ވަރަކަށް ފޯމު އީސީއަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކެންޑިޑޭޓުންނަކީ ކޮބައިކަން ކުރިއަށް އޮތްތަނުގައި އާންމު ކުރާނެ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާ އެކު ކުރިމަތިލައްވަނީ، ޕީއެންއެފްގެ ކެންޑިޑޭޓުން ކަމަށެވެ. އެކަމަކު އެ ޕާޓީ ރަޖިސްޓްރީކުރުން ފަސްވެފައި އޮތުމުން ޕީއެންއެފްގެ ލޯގޯ މި އިންތިހާބުގައި ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުން ނުފެންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ޔާމީންގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފް ތަމްސީލުކުރާ ދަނބުކުލަ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ވޯޓުދޭ އިރު އެކަމަށް ސަމާލުކަން ދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާ ބައެއް ބޭފުޅުންގެ މިއަދު އީސީއަށް ފޯމު ހުށަހެޅުއްވުމަށް ދިއުމުގެ ކުރިން، ޕީއެންއެފް އޮފީހުގެ ކުރިމަތީގައި މަޑުކޮށްލައިގެން. ފޮޓޯ: ޕީއެންއެފް

"އޭގެ އިތުރުން ޕީއެންސީގައި ވެސް އެބަތިބި ޔާމީންއަށް ތާއީދުކުރައްވާ ވަފާތެރި އެމްޕީންގެ ގޮތުގައި ވާދަކުރާ ބޭފުޅުން. އެހެންވީމާ އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ވެސް އަޅުގަނޑު އެދޭ ކަމެއް. ވޯޓު ކަރުދާސްކޮޅުގައި މިފަހަރު ޕީއެންއެފްގެ ނަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ކުލައަކަށް މިބަލަނީ ދަނބުކުލަ. އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަކީ ކޮން ބައެއްކަން ޓީވީގެ ޒަރިއްޔާއިން ހާމަކުރަމުން ގެންދާނަން،" މަލީހު ވިދާޅުވި އެެވެ.

މަލީހް ވިދާޅުވީ މާދަމާ އިތުރު ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅުއްވާނެ ކަމަށާއި ފޯމުތައް ހުށަހެޅުން ލަސްވަނީ، ކުށުގެ ރެކޯޑު ސާފުކުރުމަށް ވަގުތު ނަގާތީ ކަމަށެވެ. އެކަމުގައި ތާށިތަކެއް ހުރުމުން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ވެސް އޭނާ ވަނީ އީސީއަށް ގޮވާލައްވައިފަ އެވެ. އަދި އެކަމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާ ބައެއް ބޭފުޅުންގެ މިއަދު އީސީއަށް ފޯމު ހުށަހެޅުއްވުމަށް ދިއުމުގެ ކުރިން، ޕީއެންއެފް އޮފީހުގައި މަޑުކޮށްލައިގެން. ފޮޓޯ: ޕީއެންއެފް

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމައަށް ހަމަވާނެ އެވެ. އަދި އެއީ ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅިފައިވާ ކަމެއް ކަމުން، މިހާރު ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.