މި ސަރުކާރުން މާލެ ސަރަހައްދަށް ބަދަލުކުރި ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ޖެހިގެން އޮތް މިހާރު ޕާކިންގެ ގޮތުގައި ބޭނުންކުރާ ހުސް ބިމުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަން ނިންމި ކެންސަރު ބައްޔަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލް، މި ސަރުކާރުން ވެރިކަމަށް އައިސް ވަނީ މާލެ ސަރަހައްދަށް ބަދަލުކޮށްފަ އެވެ. ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި ލ. ގައި އަޅަން ނިންމީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެކެވެ. އާ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ލ. އަތޮޅުގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ވަނީ ކެންސަރު ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 25 ގެ ކުރިން މިނިސްޓްރީ އަށް މެއިލް ކުރަން އެދިފައިވެ އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގަ އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ކުރިން ރިޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.