އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެމްޑިޕީގެ ރައީސްގެ މަގާމު ހުސްވީ، ދެ ދައުރުގައި އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. މިހާރު އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިހާތަނަށް އައިއިރު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވީ ޝާހިދު އެކަންޏެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކުގައި އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އާ ފޯރި އާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެ ކަމަށެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން ޝާހިދު ކުރެއްވިއިރު، މިނިސްޓަރުކަމުގައި ހުންނަވައިގެން އޭނާ ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.

ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާ އެކު ހުންނެވުމަށް ފަހު، ދެ ވަނަ ބުރުގައި އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަހަތަށް އެރުވުމަށް ފަހުގަ އެވެ. ޝާހިދު، ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތް އިރު، ހުންނެވީ މަޖިލިހުގެ ރައީސް ކަމުގަ އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އޮންނާނެ އެވެ.