ޖިންސީ ގޯނާއާ އާއި ރޭޕްގެ ތުހުމަތުތަކުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ރޭ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް، އިނގިރޭސިވިލާތަށް ވަޑައިގަތުމުން ގިނަ ބަޔަކަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކުގައި މަގާމުން ދުރުކޮށް، 21 އަހަރުގެ ޖަލު ހުކުމް އަންނަ ފަދަ ދައުވާތަކެއް އުފުލައި، ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އޭނާ ރޭ އިނގިރޭސިވިލާތަށް ފުރައިވަޑައިގަތީ ސަރުކާރުން ބުނާގޮތުން ސަރުކާރަކަށް ވެސް ނޭނގި އެވެ.

ކޯޓުގެ ހުއްދައާ އެކު، ބޭސްފަރުވާއަށް ވަޑައިގަތް އަލީ ވަހީދަކީ މިފަދަ ކަންކަމަށް އާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ހަނި ދޭތެރެތަކުން ވަޑައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. ކުރީގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން މޭޑޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން އަލީ ވަހީދު ހައްޔަރުކޮށް ދޫކޮށްލިތަނާހެން އޭނާ އެފަހަރު ވެސް ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އެފަހަރް ވަޑައިގަތީ މި ފަހަރަށް ވުރެ ހަނި ފުރުސަތެއްގެ ތެރެއިންނެވެ.

އަލީ ވަހީދު މިފަހަރު ފުރާވަޑައިގެންނެވީ ސާރުކާރާ އަޑިން ހެއްދި "ޑީލެއް"ގެ ތެރެއިން ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމާ ދެކޮޅެއް ނުހަދަ އެވެ. ނަމަވެސް މިފަދަ އެހެން މައްސަލަތަކުގައި ދައުލަތުން ދައުވާކުރާ ސިޔާސީ ބޭފުޅުންގެ ޕާސްޕޯޓް ދޫކުރާކަށް ދައުލަތުގެ ވަކީލުން އެއްބަހެއްނުވެ އެވެ. މީގެ ހެއްކަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްސަލަ އެވެ. އެ މައްސަލާގައި ދަށު ކޯޓުން ޕާސްޕޯޓް ހިފެހެއްޓުމަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދޫކޮށްލަން އަމުރުކުރި އެވެ. ނަމަވެސް ޕީޖީ އޮފީހުން އަލުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރި އެވެ. އެހެންކަމުން މިއީ ރޭވިގެން ހިންގި ޖަރީމާއެއް ކަން ސާފުކޮށް އެނގެން އެބަ އޮތެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ސަރުކާރުގެ އިސް ބޭފުޅުން ކިތަންމެ ވަރަކަށް ބޮލުން ކަޓުވާލަން އުޅުނަސް މި ހަގީގަތެއް ނުފޮރުވޭނެ އެވެ. މިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން އަލީ ވަހީދާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް ހެއްކަކަށް ފުދެ އެވެ.

އަލީ ވަހީދުގެ އިތުރުން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިތުރު ގިނަ ބަޔަކު އެ މައްސަލާގައި ހައްޔަރުގައި ތިއްބަސް، މަހެއްހާ ދުވަސް ފަހުން ބަންދުން މިނިވަންވުމުގެ ނަސީބު ލިބިވަޑައިގަތް މަދު ބޭފުޅުންގެ ތެރޭގައި އަލީ ވަހީދު ހިމެނިވަޑައިގަތެވެ. ވަގުތީ ގޮތުން މިނިވަން ވިޔަސް، ދެން ކުރިމަތިވާނީ ޓެރަރިޒަމްގެ ދައުވާއެއްގައި 10 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް ކަން އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. މާހައުލު އޮތްގޮތުން ކޮންމެ ވަގުތަކު ވެސް ހައްޔަރު ކޮށްފާނެތީ ދަނޑިވަޅުގެ ބޭނުން އޭނާ ހިއްޕެވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް އޭރު ނުހިފަހައްޓާތީ އިމިގްރޭޝަނުން ފުރަން ހުއްދަ ދިނެވެ. އޭނާ ފުރަން އުޅޭކަން ފުލުހުންނަށް އެނގުނީ މާ ފަހުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓަށް އަރަން ދަނިކޮށް އަލީ ވަހީދު ހުއްޓުވަން ފުލުހުން އައި ކަމަށްވެސް ވެ އެވެ. އެވަގުތު އެ ފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތުމުން އަލީ ވަހީދުގެ ނުރުހުމުގައި އޭނާ ހުއްޓުވޭ ގޮތް ނުވީ އެވެ. ކޯޓު އަމުރު ހިފައިގެން ދިޔަ ފުލުހުންނަށް އެއާޕޯޓަށް ދެވުނުއިރު އަލީ ވަހީދު އެރުއްވި ފްލައިޓް ނައްޓާލައިފި އެވެ. ފްލައިޓް ނައްޓާލުން ކިރިޔާ ލަސްވި ނަމަ ވެސް، އަލީ ވަހީދު އެދުވަހު އަނބުރާ ވަޑައިގަންނަވަނީ ޖަލަށެވެ.

އިނގިރޭސިލާތުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އޭނާ ރާއްޖެ ވަޑައިގަތީ މި ސަރުކާރު އިންތިޚާބުވި ފަހުން ނޮވެމްބަރު، 2018 ގަ އެވެ. މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކީ އޭނާ އެވެ. އޭނާ އެ މަގާމުން ދުރުކުރީ ޖިންސީ ގޯނާގެ ތުހުމަތުތަކުގައި އިސްތިއުފާ ދޭން ރައީސް އެންގެވުމުން އިސްތިއުފާ ނުދެއްވުމުންނެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އަލީ ވަހީދަށް ފުރައިގެންދިއުމުގެ ފުރުސަތު ދޭން ޖެހުނީ ސަރުކާރުގެ ބައެއް އިސްވެރިންނަށް މަޖުބޫރުވެގެންނެވެ. މިކަން ވެސް ކޮންމެ ވެސް ދުވަހަކުން ހާމަވާނެ ކަމަށް ބެލެވެ އެވެ. ހުރިހާ ކަމެއް ސިއްރުކޮށްގެން އަބަދަކު ނޫޅެވޭނެ އެވެ.