ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭގޮތަށް ހެދުމަށް އެންޓި ޑިފެކްޝަން ބިލެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނަކީ ސިޔާސީ ޕާޓީތަކަށް އޭގެ ނާޖާއިޒް ފައިދާ ނެގޭ ގޮތަށް އޮތް ބިލެއް ކަމަށެވެ.

ހިސާން ވިދާޅުވީ އެމްޑީޕީން ހުށަހެޅި ބިލްގައިވާގޮތުން ސިޔާސީ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފިނަމަ، އެ މެމްބަރަކު މަޖިލިސް މެމްބަރު ކަމުގައި ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް އިލެކްޝަންސް ކޮމިޝަނުން ނަގަންޖެހޭނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން ނޫނެކޭ ބުނެފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މެމްބަރަކު އަމިއްލައަށް ޕާޓީން ވަކިވެއްޖެނަމަ، އޭނާ މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ ބިލް މަޖިލީހުގައި އެޖެންޑާ ކުރުމަށް ދަތިތަކެއް ހުރި ކަމަށް ހިސާން ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.