އެއްފަހަރާ ދެ ރިކޯޑް މުގުރާލުމަކީ ވަރަށް ނުވާނެކަމެކެވެ. އެހެނަސް ރަޝިއާގެ މީހަކު މި ދެ ފަޚުރު ހާސިލްކޮށްފި އެވެ.
ދުނިޔޭގައިވާ އެންމެ ދިގު ފައިގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތުން މިވަގުތު ޖާގަ ހޯދާފައި ވަނީ ރަޝިއާގެ ޕެންޒާއަށް އުފަން 31 އަހަރުގެ އެކެޓެރިނާ ލިސިނާ އެވެ. ފައިގެ ދިގުމިނުގައި 52 އިންޗި ހުންނަ އެކަޓެރިނާ އަކީ އޭނާގެ އާދަޔާ ޚިލާފު ދިގުފައިގެ ސަބަބުން ދިގު އިސްކޮޅެއް ވެސް ލިބިފައިވާ ޒުވާނެކެވެ.
އިސްކޮޅުން 6.9 ފޫޓު ހުންނަ އެކަޓެރިނާ އަކީ ޕްރޮފެޝަނަލް މޮޑެލް އެކެވެ. އަދި އެންމެ ދިގު މޮޑެލްގެ ގޮތުގައި ވެސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދައިފައިވާ މީހާ އެވެ.
އެކަޓެރީނާގެ ބައްޕަ ވިކްޓޯ ބުނާގޮތުގައި އޭނާގެ އާއިލާގައި މުޅިން ވެސް ހިމެނެނީ ދިގު މީހުންނެވެ. އެހެންވެ ދަރިފުޅު ވިހޭ ވަގުތު ވެސް ދެފައި ދިގު ކަމަށް ފާހަގަވެ، އެ ދިގުކަމަކީ ފެމިލީ ކަމެއްކަން ޔަގީންކުރެވުނެވެ.
އެކަޓެރީނާ ދަނީ އޭނާގެ ދިގުކަމުގެ ފައިދާ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. އެގޮތުން މޮޑެލް ކުރުމުގެ އިތުރުން ބާސްކެޓް ކުޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމުގައި ގަބޫލުކޮށް ރަޝިއާގެ ގައުމީ ބާސްކެޓްބޯލް ޓީމާ ގުޅުނީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އެކެޓެރީނާއަކީ މިހާރު ރަޝިއާގެ ގައުމީ ބާސްކެޓް ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ.