އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ހަރަކާތްތަކެއް އަލުން ފަށައިފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް މެދުނުކެނޑި ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އަލުން ހަނގުރާމައިގެ އޮޕަރޭޝަންތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ތެހެރާނަށް ލިބިފައިވާ ކަމަށެވެ. އަދި އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން، އެމެރިކާގެ މަރުކަޒުތަކަށް މެދުނުކެނޑި ހަމަލާތައް އަމާޒުކުރާނެ ކަމަށް އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ.

މި އިންޒާރު ދީފައިވަނީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅާ ޝަރުތުތައް މެދުވެރިން މެދުވެރިކޮށް ވޮޝިންޓަނަށް އަންގާފައިވާ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވިތާ މާގިނަ އިރެއް ނުވަނީހެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އިރްނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާލީބާފް ވިދާޅުވީ އީރާނުގެ ޝަރުތުތައް ފުރިހަމަނުވާ ނަމަ، އަދި އީރާނުގެ ރައްޔިތުންގެ ހައްގުތައް ބަލައިނުގަނެ، އެމެރިކާއިން ވެފައިވާ އިގުރާރުތައް ތަންފީޒު ނުކުރާ ނަމަ، ކުރިން ކުރެވުނު މަޝްވަރާތަކަށް އެނބުރި ދިއުމުގެ ނުވަތަ ކަނޑުއޮޅި ހުޅުވާލުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އީރާނުގެ މެސެޖުތަކާއި ޝަރުތުތައް ސާފުކޮށް މެދުވެރިން މެދުވެރިކޮށް އަނެއް ފަރާތަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވެސް ވަނީ އީރާނުގެ ހަތް ޝަރުތެއް ފުރިހަމަ ނުކުރަނީސް މަޝްވަރާތަކަށް އެނބުރި ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، އީރާނުން ވިޔަފާރި އުޅަނދުތަކަށް ދެމުންދާ އިންޒާރުތަކުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ހަމައެއާއެކު، އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އީރާނުގެ ބަނދަރުތަކަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.