ހަޔާތުގަ ދިމާވާ ކުދިކުދި ކަންތަކުން އުފާވެރިކަން ހޯދުމަކީ ސިއްހަތަށް ނުހަނު ފައިދާހުރި ކަމެއް ކަމުގައި އާ ދިރާސާއަކުން ދައްކައިފި އެވެ.

އެ ކުދިކުދި ކަންތަކަށް ދީފައިވާ ނަމަކީ "މައިކްރޯ ޖޯއީ" އެވެ.

"މައިކްރޯ ޖޯއީގެ ތެރޭގައި ފާހަގަކޮށްފައިވަނީ ކޮފީތައްޓެއް ބޯލައިގެން ލިބޭ އުފަލާ، މީހުންނަށް އޯގާތެރިވެ އެހީތެރިވެ ހެދުމުން ލިބޭ އުފަލާ، އަދި ހެއްވާ މަޖާ ވީޑިއޯ ބަލައިގެން ލިބޭ އުފާވެރިކަން ފަދަ ކަންކަމެވެ.

އެކި މީހުންނަށް އުފާ ލިބެނީ އެކި ކަންކަން ކުރުމުން ކަމަށްވާއިރު، އެކަން ކުރުންމަތީ ދެމިހުރުމަކީ މުސްތަގްބަލުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމެންޓެއް ފަދަ ކަމެއް ކަމަށްވެ އެވެ.

"މައިކްރޯ ޖޯއީ"ގައި ހިމެނޭ ކަންކަން ކުރުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ. މީހާގެ މޫޑު ރަގަޅު ކޮށްދެ އެވެ. އެންޒައިޓީ އާއި ސްޓްރެސް އިން ދުރުކޮށްދެ އެވެ.

"މައިކްރޯ ޖޯއީ" އިން ލިބިދޭ އެހެން ފައިދާއެއް ވެސް އޮވެ އެވެ. އެއީ އެހެން މީހުންނާ އޮންނަ ގުޅުން ރަގަޅުކޮށްދިނުމެވެ. ދެން އުފެދޭ ސުވާލަކީ މީހާއަށް އެންމެ ފުރިހަމަ ހެޔޮބަދަލެއް ގެނެވުމަށްޓަކައި ދުވާލެއްގެ މައްޗަށް ކިތައް "މައިކްރޯ ޖޯއީ" ބޭނުން ވޭބާ އެވެ. އޭގެ ޖަވާބަކަށް ދިރާސާކުރެއްވި ބޭފުޅުން ވިދާޅުވަނީ ދުވާލުގައި ދިމާވާ ކޮންމެ ހިތްހަމަ ނުޖެހޭ ކަމަކަށް 5 "މައިކްރޯ ޖޯއި" އެވެ. ވީމާ ކޮންމެ ދުވަހެއްގެ ތާވަލަށް ކޮންމެ ވެސް ވަރަކަށް "މައިކް ރޯޖޯއީ" ހިމެނުމަކީ ދިރިއުޅުން އަމިއްލަ ކޮންޓްރޯލްގެ މައަޗަށް ގެނައުމަށްޓަކައި ވަރަށް މުހިންމުކަމެކެވެ. އޭގެ ސަބަބުން ކަންނެތް ކަމާއި، ފޫހިވުން ފިލުވައިދެ އެވެ.