މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.2 ބިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ ޑިސެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި 999 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާކޮށްފައިވެ އެވެ. އަދި އެކި މަޝްރޫއުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 534 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ޓޫރިސްޓުން ވެސް ދައްކަންޖެހެ އެވެ.
އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާޗު މަހު އެވެ. އެގޮތުން އެމަހު 105 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ޖަމާވެފައި ވަނީ ޖެނުއަރީ މަހު އެވެ. އެމަހު 100 މިލިއަން ރުފިޔާ ފަންޑަށް ޖަމާވެފައިވެ އެވެ.
މިދިޔަ ޑިސެމްބަރުމަހު ގްރީން ފަންޑަށް 81 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މީގެ ތެރެއިން 30 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 27 މިލިއަން ރުފިޔާއާއި، ގެސްޓްހައުސްތަކުން ލިބިފައިވާ ތިން މިލިއަން ރުފިޔާ އެވެ.
ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ ރ. އަތޮޅުންނެވެ. އެ އަތޮޅުން ޑިސެމްބަރު މަހު ނުވަ މިލިއަން ރުފިޔާ ލިބިފައިވެ އެވެ.