މިދިޔަ މަހުގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 373 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާތު ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 349 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދު ވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޖަނަވަރީ މަހު އިމްޕޯޓް އިތުރުވެފައިވާއިރު އެކްސްޕޯޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު މި ޢަދަދު ވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެހެންކަމުން މިއީ %31 އިތުރުވުމެކެވެ.
އެކްސްޕޯޓަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު 173 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެކްސްޕޯޓް އުޅެނީ 251 މިލިއަނުގައެވެ. އެހެންކަމުން މިއީ %31 ދަށްވުމެކެވެ.
ޖަނަވަރީ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:
- ޔޫ.އޭ.އީ - 938 މިލިއަން ރުފިޔާ
- އޮމާން - 774 މިލިއަން ރުފިޔާ
- އިންޑިއާ - 700 މިލިއަން ރުފިޔާ
- ޗައިނާ - 671 މިލިއަން ރުފިޔާ
- ސިންގަޕޫރު - 550 މިލިއަން ރުފިޔާ
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.