މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން އިތުރު 35 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން ބުނީ އެންމެ ފަހުން ޖަމާކުރި 35 މިލިއަން ރުފިޔާ އެކު މިހާތަނަށް 105 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.
މިއީ އިއްޔެގެ ނިޔަލަށް ސަރުކާރުން މަސްވެރިންނަށް ދޫކުރުމަށް އެއްބަސްވި 100 މިލިއަން ރުފިޔާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރުމާ ގުޅިގެން މިދިޔަ ހަފްތާގައި މިފްކޯއިން ވަނީ 70 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްފަ އެވެ.
ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރީ މަސްވެރިންނަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ބުނެ އެވެ. ސަރުކާރުން ވައުދުވީ ކުރިއަށް އޮތް މާޗް 5 ވަނަ ދުވަހުގެ ކުރިން މި ހުރިހާ ފައިސާއެއް މަސްވެރިންނަށް ޖަމާކޮށްދިނުމަށެވެ. އަދި އޭގެފަހުން ކޮންމެ ހަފްތާއަކު އެއް ފަހަރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ އިތުރަށް ފަސްނުކޮށް ދިނުމަށްވެސް ސަރުކާރުން އެއްބަސްވެފައިވެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު ވަނީ 20 ރުފިޔާ އަށް ކުޑަކޮށްފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެމަނިކުފާނު ވަނީ މަސް ކިލޯއެއް 25 ރުފިޔާއަށް ގަތުމަށް ނިންމާ އެކަން އިއުލާންކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާއާ އެކު ޖުމްލަ 600 މިލިއަން ރުފިޔާ މިސަރުކާރުން މަސްވެރިންނަށް ދީފައިވާ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.