ވޮޝިންޓަން (11 ފެބްރުއަރީ) - އެމެރިކާގެ ރައީސް ޖޯ ބައިޑެން ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ފޯނުން ގުޅުއްވައި ދެ ގަޑިއިރު މަޝްވަރާކުރައްވައިފި އެވެ.

މިބައްދަލުވުމަކީ ރައީސް ބައިޑެން މިއަހަރު ޖެނުއަރީ މަހު 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމާއި ހަވާލުވިފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ރައީސް އާއި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މިބައްދަލުވުމުގައި ދެ ގައުމުގެ ރައީސުން ވެސް އެކިކަންކަމުގައި އެއްބާރުލުން ދިނުމަށާއި އަދި އެހެނިހެން ކަންތައްތަކުގައި މަޝްވަރާކުރެއްވި އެވެ.

ޗައިނާގެ ސްޓޭޓް ބްރޯޑްކާސްޓިން ޗެނަލް ސީސީޓީވީ އިން ބުނީ ރައީސް ޝީ ޖިން ޕިން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ފޯނުން ގުޅުއްވައި ދެގައުމުގެ ދެމެދުގައި މައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ވާހަކަ ދެއްކި ކަމަށާއި ދެ ގައުމަށް ވެސް ފައިދާ ބޮޑު ވާނީ މިފަދަ މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށްވުމުން ކަމަށް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ އިތުރުކުރުމުން ވަރަށް ގިނަ ކަންކަން ހާސިލްވެގެންދާނެ ކަމަށް ވިދާޅުވި ކަމަށް ރިޕޯޓްކުރެ އެވެ.

ވައިޓްހައުސް އިން ބުނިގޮތުގައި މި ބައްދަލުވުމުގައި ރައީސް ޖޯ ބައިޑެން ވެސް ވަނީ މިކަންކަމުގައި އެއްބާރުލުން ދިނުމަށް އެދޭކަން ހާމަކޮށްފަ އެވެ. އޭގެ އިތުރުން ޗައިނާއިން ހޮންގްކޮންގްއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކާއި ޗައިނާއިން އިންސާނީ ހައްގުތަކަށް ފުރިހަމަޔަށް ބޯނުލަނބާ ކަމަށް އެކިއެކި ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވާ ކަންކަމުގެ އިތުރުން ޓައިވާންގެ މައްސަލައިގައި އެމެރިކާގެ ހުރި ކަންބޮޑުވުންތައް ފާހަގަ ކުރެއްވި ކަމަށް ވެސް ވައިޓްހައުސްއިން ބުންޏެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މި ދެ ބޭފުޅުން ވެސް ވަނީ ކޮވިޑް ޕެންޑެމިކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި އަދި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ހާލަތުގެ ކަންކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން، ގެންލުންދެނިވި ހަތިޔާރު މަދުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.