ބެއިޖިން (12 ފެބްރުއަރީ) - އިނިގިރޭސިވިލާތުގެ މަޝްހޫރު ޓީވީ ޗެނަލް ބީބީސީ ވޯލްޑް ނިއުސް ޗައިނާގައި ދެއްކުން މަނާކޮށްފި އެވެ
ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޝަން އެޑްމިނިސްޓްރޭޝަނުން ބުނީ އެ އިދާރާއިން ކުރިއަށް ގެންދިޔަ ތަހުގީގުގައި ބީބީސީ ވޯލްޑް ނިއުސް އިން ގެނެސްދީފައިވާ ޗައިނާއާ ގުޅޭ ހަބަރާއި ރިޕޯޓްތަކުގައި ޗައިނާ ސަރުކާރުގެ ގާނޫނާއި ގަވާއިދުތަކަށް ވަރަށް ބޮޑަށް ހިލާފްވެފައިވާ ކަމަށާއި، އަދި ގެނެސް ދީފައިވާ ބައެއް ހަބަރުތަކުއި ޗައިނާއާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ޗައިނާ ސަރުކާރަށް ބޮޑެތި ގެއްލުން ވެފައިވެ އެވެ. އަދި ޗައިނާގެ ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު އޮތް އިތުބާރާއި އެކުވެރިކަމަށް ވެސް ބުރޫ އަރާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ އިދާރާއިން އިތުރަށް ބުނީ މިފަދަ ކަންތައްތަކަކީ ޗައިނާގައި އޮޕަރޭޓްކުރާ ބޭރު ޗެނަލްތަކުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން ޗައިނާގައި ބީބީސީ ވޯލްޑް ނިއުސް ދެއްކުން އެއްއަހަރު ދުވަހަށް މަނާކޮށްފައިވާ ކަމަށެވެ.
ޗައިނާއިން ބީބީސީ ޗެނަލް އެ ގައުމުގައި މަނާކުރީ މިމަހު ހަތަރުވަނަ ދުވަހު އިނގިރޭސި ވިލާތުން ޗައިނާގެ ގްލޯބަލް ޓެލެވިޝަން ނެޓްވޯކްސް (ސީޖީޓީއެން) ޗެނަލް އިނގިރޭސިވިލާތުގައި ދެއްކުން މަނާކޮށްފައި ވަނިކޮށެވެ.
އިނގިރޭސިވިލާތުން ބުނީ ސީޖީޓީއެން ޗެނަލްއިން ބޭނުންކޮށްފައިވަނީ ސްޓާ ޗައިނާ މީޑިއާ ލިމިޓެޑަށް ދޫކޮށްފައިވާ ހުއްދައެއް ކަމަށާއި އެ ޗެނަލުން ހޮންކޮންގައި ހިނގަމުން ދިޔަ މުޒާހަރާތަކާ ގުޅިގެން ފޮނުވި ރިޕޯޓްތަކުގައި އިނގިރޭސިވިލާތުގެ ގާނޫނުތަކާ ހިލާފްވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ސީޖީޓީއެން ޗެނަލް އަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށް ވެސް އިނގިރޭސިވިލާތުގެ ކަމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ. – ޑެއިލީ ސަބާހް