ގަސް އިންދަން ޕޮޓެއް ހޯދަމުން ދަނިކޮށް ވަރަށް ތަފާތު ޕޮޓުތަކެއް ލޮލުގައި އަޅައިގަތެވެ. އެ ޕޮޓުތައް ވިއްކަން ހުރީ އިންސްޓްގްރާމް ޕޭޖެއްގަ އެވެ. ހަމަ ޔަގީނުން ވެސް އެއީ ވަރަށް ހުނަރުވެރި މީހަކު، ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން އުފައްދާފައިވާ އެއްޗެހިތަކެއް ކަން ބަލާލުމުން އެނގެ އެވެ. އެހާވެސް އެ ޕޮޓްތައް "ޔުނިކް" އެވެ. ފަރުމާކޮށްފައި ވަނީ ވަރަށް ހިތްގައިމުކޮށެވެ. އެއީ ދިވެއްސެއްގެ އަމިއްލަ އުފެއްދުންކަން އެނގުމުން އެމީހާއާ ބައްދަލުކޮށްލާ ހިތްވި އެވެ. އަދި އެ މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް ހޯދާލީމެވެ.
މުހައްމަދު ހަބީބު ނުވަތަ އާންމު ނަމުން ނަމަ ހަބީބު ނިސްބަތް ވަނީ، ރާއްޖޭގެ ނަން މަޝްހޫރު މާވަޑި އާއިލާއަކަށެވެ. ހަބީބުގެ ކާފަ މަޝްހޫރުވެފައި ވަނީ ވަޑިއައްލާގެ ނަމުންނެވެ. ވަޑިއައްލާގެ ދަރި ހަސަން އަލީގެ ދޮށީ ފިރިހެންދަރިއަކީ މިބުނެވުނު މުހައްމަދު ހަބީބެވެ. ބ. ހިތާދޫގެ ހިތާދޫ ސްކޫލްއިން ކިޔެވި ހަބީބުއަކީ އާދަޔާޚިލާފު ރީތި އުފެއްދުންތައް ވުޖޫދަށް ނެރުނު މީހެކެވެ. ގިނަ ވަގުތު ހޭދަކޮށްގެން ވެސް މީހުން ހިތްހަމަޖެހޭ ފެންވަރަށް ލަކުޑިންނާއި ސިމެންތިން ތަކެތި އުފައްދާ މީހެކެވެ.
އެންމެ ފުރަތަމަ ކުރި މަސައްކަތް
އުމުރުން އެންމެ 14 އަހަރުގައި މަސައްކަތުގެގެ މައިދާނަށް ނުކުތްއިރު ހަބީބަކީ އަދި ކިޔަވާ ކުއްޖެކެވެ. ސްކޫލް ނިމިގެން ލިބޭ ހުރިހާ ހުސް ވަގުތެއް ހޭދަ ކުރައްވަނީ ބައްޕަގެ ވާޑާން ގޭގަ އެކި ކަހަލަ މަސައްކަތް ކުރުމުގަ އެވެ.
"ވަޑާން ކުރުމަކީ އަޅުގަނޑު އެންމެ ކުރާހިތްވާ މަސައްކަތް. އެއީ އަޅުގަނޑު ގެ ކާފަ ވެސް އަދި ބައްޕަ ވެސް ކުރެއްވި މަސައްކަތް. ފުރަތަމަ މަސައްކަތް ކުރީ ގޭގަ ހުންނަ ބައްޕަގެ ވަޑާން ގޭގައި. ސްކޫލް ނިންމާފައި އައިސް ލިބޭ ހުސްވަގުތުގައި އަޅުގަނޑު އުޅެނީ އެވަޑާން ގޭގައި. ބައްޕަގެ ލަފަޔާ އިރުޝާދުގެ މަތިން އޭރު މަސައްކަތް ކުރަނީ،" ހަބީބް ވަޑާންކުރުމުގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ބުންޏެވެ.
އޭގެ ހަތަރު އަހަރު ފަހުން އުމުރުން 18 އަހަރުގައި ހަބީބް ދެކެމުން އައިހުވަފެން ހަގީގަތަކަށް ހެދުމަށް މާލެއަށް ދިރިއުޅުން ބަދަލުކުރި އެވެ. ވަޑާމުގެ މަސައްކަތުގައި ދެވޭ އެންމެ މައްޗަށް ދިއުމަށެވެ.
"ރަށުން ކިޔަވައިގެން މާލެއަށް ބަދަލުވެ، އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރީ 'ފަސްމާ ވުޑް ވާކްސް' ކިޔާ ވަޑާންގެއެއްގައި. ވަޒީފާގައި އުޅެމުން ވަޑާމާ ބެހޭ އިތުރު މަސައްކަތް ދަސްކޮށް ހެދިން،" ހަބީބު އިތުރަށް ކިޔައިދިނެވެ.
ސްނޯބިލްޑާސް ޕްރައިވެޓް ލިމިޓެޑްއަކީ އަމިއްލަ ކުންފުނި
ހަބީބަކީ ކުޑަ ވަޑާންގެއަކުން ލިބޭ އިލްމާ ހުނަރުން ބޭނުންކޮށްގެން ބޮޑެތި ވޯޓަ ވިލާ އެޅިދާނެކަން ސާބިތު ކޮށްދެއްވި މީހެކެވެ. މެލޭޝިޔާގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުގެ ބީޗް ވިލާ އަދި ވޯޓާ ވިލާގެ ޕްރޮޖެކްޓްތަކުގައި ދިހަ އަހަރު މަސައްކަތް ކުރި އެވެ.
"އަމިއްލަ މަސައްކަތެއް ފަށައިގެން އެކަމުގެ ތެރޭގައި އުޅެމުން އަމިއްލަ ކުންފުންޏެއް އުފެއްދީ. އެއީ 'ސްނޯ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް'. ކުންފުނީގެ މައިގަނޑު މަސައްކަތަކީ ރިސޯޓް ކޮންސްޓްރަކްޝަންސްގެ މަސައްކަތް. ރިސޯޓް ބިލްޑްކުރުމާއި ވޯޓާވިލާގައި ހުންނަ ލަކުޑީގެ ހުރިހާ މަސައްކަތެއް މިކުންފުނިން ކުރަން،" 56 މުއައްޒަފުން ގެންގުޅޭ ހަބީބް ވަރަށް އުފަލާއެކު ހަބީބްގެ ކުންފުނިން ކުރާ މަސައްކަތްތައް ކިޔައިދިނެވެ.
ހަބީބްގެ އަމިއްލަ އުފެއްދުންތަށް އިންސްޓަގްރާމް ޕޭޖްގައި
ހަބީބްގެ ހުނަރުވެރި އުފެއްދުންތައް ދައްކުވައިދޭ އިންސްޓިގްރާމް ޕޭޖަކީ ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބޭ ޕޭޖެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހަބީބްގެ އުފެއްދުންތަކަކީ ބަލާ ފޫހިވާނެ ތަކެއްޗެއް ނޫނެވެ.
"ކުންފުނީގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ދަނިކޮށް ކޮވިޑްގެ ޕެންޑެމިކް ފެށުމުން ރިސޯޓް މަސައްކަތް ހުއްޓުނު. އެދުވަސްވަރު އިންސްޓަގްރާމް ޕޭޖެއް ހުޅުވިން. އަދި އެ ޕޭޖަށް ގަސްއިންދާ ދެ ޕޮޓް ލީތަނާ ފަނަރަވަރަކަށް ވަރަކަށް މިނިޓް ތެރޭގައި ވިކިއްޖެ. އެހިސާބުން އެނގިއްޖެ މީވެސް މީހުންގެ ތެރޭގައި މަގުބޫލު އެއްޗެއްކަން. ތަރުހީބު އިތުރުވާން ފެށީމައި ދެން ޕޮޓް ހަދަން ފެށީ. އަމިއްލަ ޑިޒައިންތަކަށާއި ކަސްޓަމައިޒްކޮށް ވެސް ޕޮޓް ހެދިން. މީހުން ވަރަށް ބަލައިގަތް އެ މަސައްކަތް. ފަހުން ޕޮޓް ބަހައްޓާނެ 'ރެކް' އަށް ވެސް އޯޑާ ލިބެންފެށި،" ހަބީބްގެ އިންސްޓަގަރާމް ޕޭޖްއަށް ލިބުނު ތަރުހީބު ކިޔައިދިނެވެ.
ޕޮޓާއި ރެކްގެ އިތުރުން ތަފާތު ފްރޭމްތަކާއި ރީތި ލޯގަނޑު ވެސް އެޕޭޖްގައިވެ އެވެ. އެލިސްޓަށް ފަހުން އިތުރުވީ ގޮޑިއާއި މޭޒު ފަދަ ފަރުނީޗަރެވެ.
ޕެންޑަމިކަށް ފަހު ސްނޯ ބިލްޑާސްގެ ދުވެލި ދިޔައީ ކުރިއަށް ވުރެ ވެސް ބާރަށް ކުރިއަށް
ހުނަރެއް ހުރެ، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނަމަ ކާމިޔާބާއި ނަސީބަކީ ވަރަށް ކައިރީގައިވާ ކަމެކެވެ. ކޮވިޑް ނިމުމަށް ފަހު ހުއްޓިފައިވާ ސްނޯބިލްޑާސްގެ މަސައްކަތް އަލުން ކުރިލާ ދިރެން ފެށި އެވެ.
"ކޮވިޑް ނިމުމާއެކު ހިޔާ ފްލެޓްގައި މަސައްކަތް ކުރަން ލިބުނު. އެގޮތުން ސަތޭކައަށް ވުރެ ގިނަ ކިޗަން ކެބިނެޓް ވާނީ ނިންމާފައި. އަދި ގިނަ އަދަދެއްގެ އެޕާޓްމަންޓްތައް، ހުރިހާ ފަރުނީޗަރުތަކާއެކު ވާނީ ކޮންމްޕްލީޓް ކޮށްފައި. މިހާރު ވެސް މިގެންދަނީ ތަފާތު ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތައް ހަދަމުން،" ކޮވިޑަށްފަހު ހަބީބްގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ކިޔައިދިނެވެ.
މަސައްކަތުގައި ހުރި ގޮންޖެހުންތައް
ހަބީބް މިހާރު ހުރި ހިސާބަށް ފޯރީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ނެވެ. މަސައްކަތުގެ ކޮލިޓީއަކީ އެކަމުގެ ހެއްކެވެ.
"ސްނޯބިލްޑާސްއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެއް. ފޮނި އުންމީދުތަކަކާއެކު އުފެއްދި ކުންފުންޏެއް މިއީ. ނަމަވެސް މިހާރަކަށް އައިސް އަޅުގަނޑުމެންގެ މަސައްކަތުގަ ލިބެންޖެހޭ އަސްލު މަންފާ އަޅުގަނޑު މެންނަށް ލިބުން ވަރަށް އުނދަގޫ. އެއީ ވޯކްޕާމިޓްއާ ނުލާ، ރަޖިސްޓްރީ ނުކޮށް އިލީގަލްކޮށް މަސައްކަތް ކުރާ މީހުންގެ ސަބަބުން ދިމާވާ އުނދަގޫ،" މަސައްކަތުގަ ދިމާވާ އެންމެ ބޮޑު އުނދަގޫ ހަބީބް ހިއްސާ ކޮށްލެއްވި އެވެ.
"ސްނޯބިލްޑާސް" އުފެދުނީ ދިވެހިން އެކަނި ކުންފުންޏެއްގެ ގޮތުގަ އެވެ. އޭރުގެ މަސައްކަތުގެ ސްޓައިލާ މިހާރުގެ ސްޓައިލާ ވެސް ތަފާތުކަން ހަބީބް ފާހަގަ ކުރެއްވި އެވެ.
"މީގެ ފަންސަވީސް އަހަރު ކުރިން ފުރަތަމަ އަޅުގަނޑު މިމަސައްކަތް ފެށި އިރު މޭންޕަވާ ނުވަތަ މަސައްކަތް ކުރާ މީހުންނަކީ ސަތޭކަ ދިވެހިން. ވަޒީފާއެއްގެ އުސޫލަށް ވުރެ ގްރޫޕް ސްޓައިލަށް މަސައްކަތް ކުރިއިރު އެއީ. ނަމަވެސް ވާގޮތަކީ ކޮންޓްރެކްޓެއް ނަގާއިރު އެބަ ޝަރުތު ކުރޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން. މަސައްކަތް ކުރަން ތިބޭ ދިވެހިން އެކަމަށް ނުވިސްނާ ޗުއްޓި ނަގާކަން ފާހަގަކުރަން. އެހެން ދިމާވާތީ ބިދޭސީން މަސައްކަތަށް ނަގަން ޖެހުނީ،" ކުންފުނީގައި ދިވެހިން ގެންގުޅެން އުނދަގޫ ސަބަބު ހަބީބު ފާހަގަ ކުރި އެވެ
ނަމަވެސް ދެން ކަންތައް ބޮއްސުންލައިގެން ދިޔަކަން ވެސް ފާހަގަކުރި އެވެ.
"އެމީހުން ފުރަތަމަ އަޅުގަނޑުމެން ކައިރީގައި ދުވަސްކޮޅަކު އުޅެލާފައި މަސައްކަތް ދަސްކޮށްގެން ކެނޑެނީ. ދެން ފެންނަނީ އެމީހުންގެ އަމިއްލަ ގްރޫޕްތަކެއް ހަދައިގެން ނުއަގުގަ މަސައްކަތް ކުރާތަން. ކްލައިންޓުންނަށް ވެސް އަދި ރިސޯޓް އޯނަރުންނަށް ވެސް އެނގޭނެ އެއީ ގަވާދާ ޚިލާފަށް މަސައްކަތް ކުރާ ބައެއް ކަން. އެހެން ނަމަވެސް އެކަން އެނގި ތިބެ އެ މީހުންގެ ބޭނުން ހިފާ..." ވަރަށް ހިތާމަޔާއެކު ހަބީބު އެކަން ފާހަގަ ކުރި އެވެ.
ހަބީބުގެ މެސެޖް
ވަޑާންކުރާ މީހުންނަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ބައެކެވެ. އެމީހުން އުފައްދާ އެއްޗެހި ބޮޑު އަގުގައި ވިއްކާލެވެ އެވެ. ނަމަވެސް ހިތާމައަކީ މިހާރު މި މަސައްކަތް ކުރާ މީހުން، ދުވަހެއް ދުވަހަކަށް މަދުވަމުން އަންނަ ކަމެވެ.
އަމިއްލަ ކުންފުންޏެއް ހިންގަވާ ބޭފުޅެއްގެ ހައިސިއްޔަތުން ހަބީބް ދެކޭ ގޮތުގައި، ގިނަ ދިވެހި ޒުވާނުން މިފަދަ ވަޒީފާތަކަށް ނުކުމެ މަސައްކަތުގައި ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
"މިއީ ފިއުޗާ [މުސްތަގުބަލް] އޮތް މަސައްކަތެއް. ދިވެހީން ކުރާނަމަ ނަތީޖާ ނެރެވޭނެ މަސައްކަތެއް. ދިވެހީންނަކީ މަސައްކަތުގެ ސްޕީޑް އަވަސް ބައެއް. ބޭރު މީހުން އެއްގަޑި އިރުތެރޭ ކުރާ މަސައްކަތެއް ދިވެހިން ތިރީސް މިނެޓުން ނިންމާލާނެ،" ހަބީބްގެ ސާފު މެސެޖް އިއްވި އެވެ.