ރައްކާތެރި ފިޔަވަޅު ނާޅައި ބުޅަލަށް ކާންދިނުމަކީ ބުޅަލަށް ދެވޭ ބޮޑު އިހާނެތި ކަމެއް. ގެއްލުމެއް. ބުޅާ ދެކެ ލޯބިވުމަކީ އޭއްޗަށް ދިމާވެދާނެ ބަލިމަޑު ކަމަކަށް ނުވަތަ ގެއްލުމަކަށް ވެސް ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއެކު ސާފުތާހިރު ކާތަކެތި ކާންދިނުން. ބުޅަލަށް ކާން ދޭން ބޭނުންނަމަ މީހުންނާއި ދުއްވާ އެއްޗެހި ނޫޅޭ، އަޑުމަޑު ތަނެއް އެކަމަށް ހާއްސަ ކުރުން މުހިންމު. ކާންދީ ބެލެހެއްޓުމުގައި އޯގާތެރިކަމާއި އިހްސާންތެރިވާން ވޭނެ. އަދި އެހެން މީހުންގެ ހައްގުތަކަށް އިސްކަން ދޭންވާނެ.

އެއްޒަމާނެއްގައި ބުޅަލަކީ ހަމައެކަނި ފުރާޅުމަތީ އުޅޭ ވަގު އެއްޗެކެވެ. އޮޅުކޮށްގެން ގޭގައި ގެންގުޅޭ ބުޅާ ފިޔަވަ އެވެ. އެ ޒަމާނުގައި "ކެޓް ފުޑް"ގެ ބަދަލުގައި އޭތި ދެކެ އިންތިހާއަށް "ލޯބިވާ" މީހުން އޭއްޗަށް ކާންދީ އުޅުނީ ބަދިގެއިން ނުވަތަ ކާ މެޒުމަތިން ބާކީވާ ރިހާކުރުކޮޅާއި ބަތްކޮޅެއް މޮޑެލައިގެންނެވެ. މަސް ނުދީ ވޭތޯ މަސައްކަތް ކުރެ އެވެ. އެއީ އޭތީގެ މިޒާޖަށް ބަދަލުތަކެއް އަންނަ ކަމަށް ބުނަމުންނެވެ.

އޭރު ބުޅަލަށް ކާންދެވެނީ ސާފުތާހިރު ކަންމަތީ އަދި ރައްކާތެރި މާހައުލެއްގައި ރައްކާތެރި ކަންމަތީ އެވެ. ކައި ނިމުމުން ބާކީވި އެއްޗެހި އުކާލާ ކާން ބޭނުންކުރި ތަށި ދޮވެލަ އެވެ. ބުޅަލަށް އާންމުކޮށް ކާންދީ އުޅުނީ ގޭމީހުން ކާގަޑިތަކުގަ އެވެ. ވީމާ އަބަދު ބުޅަކަށް ކާއެއްޗިއްސެއް ނުލިބެ އެވެ. އަދި ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރެވިފައިވެ އެވެ.

ބުޅަލަކީ އޭތީގެ މިޒާޖުގައި މިނިވަން ކަންމަތީ ދިރިއުޅޭ އެއްޗެކެވެ. އޮޅުކޮށްގެން ގެއެއްގައި ގެންގުޅޭ ބުޅަލެއް ވެސް މީހަކު އޭއްޗަށް ކާން ދޭނަމަ، ކާތަކެތި ލިބޭ ހިސާބަކުން ދުރަށް ނުގޮސް އުޅެން ބޭނުންވާނެ އެވެ. ބުޅަލަށް ކާން ދިނުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫނެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ރޭވުމެއް ނެތި އަބަދު ކާންދެވޭ ނަމަ، އޭތީގެ ހަށިގަނޑުގައި ހަކަތަ އިތުރުވެ، ވިހާ އަދަދު އިތުރުވެ އެވެ. ނަތީޖާއަކީ ބުޅަލުގެ އާބާދީ މާބޮޑަށް އިތުރުވެގެން ދިއުމެވެ.

މަގުމަތީ ބުޅަލަށް ކާންދިނުމަކީ ނުރައްކާތެރި ކަމެއް

ބަނޑުހައި ވެފައިވާ ޖަނަވާރަކަށް ކާންދިނުމަކީ އޭއްޗަށް ވަގުތީ ގޮތުން ހިތްހަމަޖެހުމެއް ލިބޭނެ ކަމެކެވެ. ނަމަވެސް އަބަދު މަގުމައްޗަށް ކާން އަޅާފައި ހުރުމަކީ ބުޅަލަށް ވެސް އަދި އެ ހިސާބައި ދިރިއުޅޭ މީހުންނަށް ވެސް ނުރައްކަލާއި ގެއްލުމާއި އަދި އުނދަގޫކުރިމަތި ވާނެ ކަމެކެވެ.

ބުޅަލަކީ ޝިކާރަކުރާ ޖަނަވާރެކެވެ. ކާއެއްޗެހި ހޯދާއިގެން ކެއުން ގުދުރަތުން ލައްވާފައިވާ ޖަނަވާރެކެވެ. މަގުމަތި އުޅޭ ބުޅާތަކަށް އަބަދު ކާންދެވޭ ނަމަ، އެސޮރުމެން އިންސާނުންނަށް ބަރޯސާވެވި، ޝިކާރަކުރުން ހުއްޓާލަ އެވެ. އަދި ކާންދޭނެ މީހާކު ނުވިނަމަ، ހައިބަނޑާ ހުންނަން މެދުވެރިވެ އެވެ.

ގިނަ މީހުން ބުޅަލަށް ކާންދީ ހަދަނީ ޖަނަވާރުންނަށް އޯގާތެރިވުމުގެ ބޭނުމުގަ އެވެ. ކާންދީ ހެދުމުން ބުޅާ އޮޅުވެ އެވެ. ބޭރު ގައުމުތަކުގައި މިގޮތަށް ކާންދީ އޮޅުކުރާ ބުޅާ ހިފާގެން ގެންގޮސް ނުވިހާ ގޮތް ހަދައި ދޫކޮށްލެވެ އެވެ.

މަގުމައްޗަށް ބުޅަލަށް ކާން އެޅުމުން، އޭތިމެން އެ ހުށަހެޅެނީ މަގުމަތީގެ ނުރައްކަލަށެވެ. ކާރުބާރު ބޮޑު މާލޭގެ، މަގުތަކުގައި އެކްސިންޑެންޓްތަކުގައި ބުޅަލުގެ ފުރާނައަށް ނުރައްކާ ވަނީ މަދެއްކޮށް ނޫނެވެ. ދުއްވާ ތަކެތި ޕާކް ކުރާ ތަންތަނުގައި ބުޅަލަށް ކާންދިނުމަކީ އެއްވެސް ގޮތަކަށް ރައްކާތެރި ކަންކަމެއް ނޫނެވެ. އަދި ބުޅަލަށް ކާންދޭން މަގުމައްޗަށް ކާއެއްޗެހި އެޅުމަކީ އޭއްޗަށް ކުރެވޭ ހެޔޮކަމަކަށް ވުރެ ބޮޑަށް "އިހާނެތި" ކަމެކެވެ.

މަގުމައްޗަށް އަޅާފައި ހުންނަ ކާއެއްޗެހީގައި މީދާ، މެހި، ކުރަފި، ހިނި ފަދަ ތަކެތި ޖެއްސުމާއި، ހިރަފުހާއި، ޗަކަވެލިން ތަޣައްޔަރުވުމާއި އަދި އެނޫން ގޮތް ގޮތުން ވެސް އެއެއްޗެހި ނަޖިސްވުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން އެއްތަނަކަށް ގިނަ ބުޅާ އެއްވެ ކާގަޑީގައި ކޯޅެން ދިމާވާ ގޮތް ވެސް މެދުވެރިވެ އެވެ. މީގެ އިތުރުން ބިންމައްޗަކީ ހަރުތަނަކަށް ވެފައި ބިންމަތި ނުވަތަ ޕޭވްމަންޓް މަތީގައި ކާއިރު ބުޅާގެ ދަތްތައް ކޭއްތި ދައްތައް ހަލާކުވުމަށް ވެސް މަގުފަހިވެ އެވެ. ބުޅަލަކީ ޝިކާރަކުރާ ޖަނަވާރަކަށް ވާއިރު ދަތްތައް ތޫނުކޮށް ހުރުމަކީ އޭއްޗަށް ވަރަށް މުހިންމު ކަމެއްކަން ދަންނަން ވާނެ އެވެ. އަދި ކާންދެވެނީ ރައްކާތެރި ގޮތުގައި ކަން ވެސް ދަންނަންވާނެ އެވެ.

ކޮންމެ މީހަކީ ބުޅާ ދެކެ ލޯބިވާ މީހެއް ނޫނެވެ. ބުޅާ ދެކެ އިންތިހާއަށް ބިރުގަންނަ އަންހެނުންނާއި ކުޑަކުދިން އުޅޭކަން ހަނދާނުގައި ބަހައްޓައިގެން މަގުމަތީގައި ކާންދިނުމަކީ އޭއްޗަށް ބައެއް މީހުންގެ ފަރާތުން ގޯނާ ކުރިމަތިވާނެ ކަމެއްކަން ވެސް ދަންނަންވާނެ އެވެ.

ބުޅަލަށް ރައްކާތެރިގޮތުގައި ކާންދެވިދާނެ

ބުޅަލަށް ކާން ދޭން ބޭނުންނަމަ، މީހުންނާއި ދުއްވާ އެއްޗެހި ނޫޅޭ، އަޑުމަޑު ތަނެއް އެކަމަށް ހާއްސަކުރާށެވެ. އެކަމަށްޓަކައި ހާއްސަ ހުއްދަ ވެސް ނަގާށެވެ. ބުޅަލަކީ ޖަނަވާރެއް ކަމުގައި ވިއަސް އިހުސާންތެރިވާށެވެ. އޯގާތެރިވާށެވެ. ސާފުތާހިރު ތައްޓެއްގައި ކާން އަޅާށެވެ. ކާން އަޅާ އެއްޗެތި 30 މިނެޓް ވުމުން ނަގާށެވެ. ސާފުތާހިރު ކަންވާރެއްގައި ފެން ދޭށެވެ. ކިރަކީ ބޮޑެތި ބުޅާގެ ހަޖަމަށް ރަނގަޅު ނޫން އެއްޗެކެވެ. ކިރު ބޮއެފިނަމަ ބުޅާ ވަރަށް ފަސޭހަ އިން ބަލިވާނެކަން ދަންނާށެވެ.

ބުޅާ ދެކެ ލޯބިވުމަކީ ހިތުހުރި ގޮތަކަށް ކާން ދިނުމެއް ނޫނެވެ. އޭގެ މިޒާޖާއި، އެއަށް ޖެހޭ ބަލިތަކާއި، އެއަށް ފަރުވާ ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު އެނގުމަކީ މުހިންމު ކަމެކެވެ. އަބަދު ވިހައިގެން ދަރިއަށް ކާންދޭނެ ގޮތެއް ނެތިގެން ނުވަތަ ކުރިމަތީ ދަރިމަރުވާ ތަން ބަލަން އޮތުމަކީ ބުޅަލަށް ލިބޭނެ ބޮޑު ހިތާމައެކެވެ.