ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުން މެދުނުކެނޑި ކުރިޔަށް ގެންދެވޭނެ ކަމަށާއި ހުސްނުވެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 11 ދުވަހުގެ ތެރޭގައި ވަނީ 25،324 މީހަކަށް ވެކްސިން ދީފަ އެވެ. މިއީ ގާތްގަނޑަކަށް 50،000 ޑޯޒުގެ ވެކްސިނެވެ. މިހާރު ވެކްސިން ދެމުން އަންނަ ސްޕީޑަށް ބަލާއިރު ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 50،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ލަފާކުރެވެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ކޮވިޑްގެ އިތުރު ވެކްސިންތައް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްގެ ވެކްސިންތަކެއް ކަމެއް އަދި ލިބޭނެ ދުވަހެއް އޭނާ ވިދާޅެއްނުވެ އެވެ.

"މެދުނުކެނޑި ވެކްސިން ދެމުން ގެންދާނެ. ހުސްވެއްޖެ ނަމަ އަޅުގަނޑުމެން ފެއިލްވީ ނޫންތޯ؟ އެހެންވިޔަކަ ނުދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މެދުނުކެނޑި ވެކްސިން ދެމުން ގެންދާނެ. ހުސްވެއްޖެ ނަމަ އަޅުގަނޑުމެން ފެއިލްވީ ނޫންތޯ؟ އެހެންވިޔަކަ ނުދޭނަން،
މިނިސްޓަރު

ނަސީމް ވިދާޅުވީ ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި ބަލި ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ފެންނާނީ އާބާދީގެ މަދުވެގެން 70 ޕަސެންޓަށް ވެކްސިން ދީގެން ކަމަށެވެ.

ރާއްޖެއަށް މިހާތަނަށް ލިބިފައި ވަނީ އިންޑިއާ އިން އޮސްފޯޑް އެސްޓްރާ ޒެނެކާގެ ކޮވިޝީލްޑް 100،000 ޑޯޒުގެ ވެކްސިނާއި ޗައިނާގެ ސިނޯފާމްގެ 5،000 ޑޯޒުގެ ވެކްސިނެވެ. މީގެ ތެރެއިން ކޮވިޝީލްޑް ވެކްސިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ ދެމުންނެވެ. ނަަމަވެސް ޗައިނާގެ ވެކްސިނަށް އަދި ހުއްދައެއް ނުދެ އެވެ.

ޗައިނާ ސަރުކާރުން ވެސް ވަނީ ރާއްޖެއަށް 100،000 ޑޯޒުގެ ކޮވިޑް ވެކްސިން ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނެފަ އެވެ. ރާއްޖެއިން ވަނީ އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިންގެ 700،000 ޑޯޒުގެ ވެކްސިން ގަންނަން އޯޑަރު ދީފަ އެވެ. އެ ވެކްސިން ރާއްޖެ ލިބޭނެ ދުވަހެއް ހެލްތު މިނިސްޓްރީން ނުބުނެ އެވެ.