ހަސަނަށް ހޭލެވުނީ ސިހިފައެވެ. ބުރަކަށްޓަށް ވައްދާލި ތޫނު ކަށްޓެއްގެ ސަބަބުންނެވެ. މަދިރި ދުންދަނޑި ހުސްވެފައި ހުރުމުން ޖެހުނު ދަތުރެކެވެ. ހަސަނު ތެދުވެ ގަޑިއަށް ބަލައިލިއެވެ. ފަތިހު ފަހެއް ޖަހަނީއެވެ. މަހަށްދާން ގޮވަން ކެޔޮޅު މިހާރު އަންނާނެއެވެ. އެހައިއިރަށް ވުޟޫކޮށްލައިގެން މިސްކިތަށް އަރައިލަންދާންވީއޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު މިއަދު މަހަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަންހެނުން އިނީ ބަނޑަށް އަތް ނުފޯރާވަރުވެފައެވެ. އަލަތު ދަރިފުޅަށް ދުވަސްފުރި އަދުތޯ މާދަންތޯ ވެފައެވެ.
އަންހެނުންނަށް ގޮވުމަށްފަހު، ހަސަނު ވަނީ ގިފިއްޔަށެވެ. ފަތިހުގެ ތެތް ފިނި ވައިރޯޅި އައިސް، ހަސަނުގެ ގައިގައި ފިރުމައިލުމާއެކު، ގައިން ހީބިހި ނަގައިގަތެވެ. ހަސަނު ގޮސް ވަޅުދޮށަށް ހުއްޓި ފެންދާންޏެއް ނަގަން ވަޅަށް ދާނި ތިރިކޮށްލި ވަގުތު، ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ، ރަށްމަތިން މާކަނައެއް ގޮވައިލި އަޑެވެ. ހަސަނުގެ މޭ ތެޅިގަތެވެ. ލިބުނު ކުއްލި ސިހުމާއެކު، އަތުގައި އޮތް ދާނި އަތުން ދޫނުވީ ކިރިޔާއެވެ. އަވަސް އަވަހަށް މައްޗަށް ބަލައިލެވުނެވެ. ސާފު އުޑުގައި، ތަރިތައް ވިދާ ބަބުޅަނީއެވެ. ހުރިހައި ތަރިތަކުގެ ރާނީއަކަށް ވެގެން، ފަޖުރުތަރި އިރުމަތީފަރާތުން މެދުއުޑަށް ފިރުކެނީއެވެ.
ދެ ވަނަ ފަހަރަށް މާކަނާގެ ބާރު އަޑު ހަސަނުގެ ކަންފަތުގައި ޖެހުނީ، ވުޟޫކުރަން ފެންދާނި ނެގި ފަހުންނެވެ. އޭނާ އަވަސް އަވަހަށް، ވުޟޫކޮށްލައިގެން ގެއަށް ވަނެވެ. ރޭގަނޑު ރަށް މަތީން މާކަނާ ގޮވުމަކީ، ނުރައްކާތެރި ކަމެކެވެ. ރަށުން މީހުން މަރުވާން އުޅޭކަމުގެ ޢަލާމާތެކެވެ. އެހެންކަމުން މިސްކިތަށް ދިޔުމަށް ޓަކައި، ގެއިން ނިކުތްއިރު ވެސް، ހަސަނުގެ މޭ ބާރަށް ތެޅެއެވެ. އަންހެނުން އެ އިނީ ވިހަން ވެފައެވެ. ބަފާ އޮތީ ބަލި ތަންމަތީގައެވެ.
ފަތިސް ނަމާދުން ފައިބައިގެން ހަސަނަށް ގެއަށް އާދެވުނު އިރު، ހައެއް ޖެހުމާ ދާދި ކައިރިވެއްޖެއެވެ. އޭރު ހަސަނުގެ އަނބި ހަރީރާ އިނީ، ބޮޑުއަށިމަތީގައި އިށީނދެ، ބަނޑުގައި އަތް ފިރުމާލަ ފިރުމާލައެވެ. މޫނުމަތީން ފެންނަނީ، ބަނޑުގައި ރިހެމުންދާކަމުގެ އަސަރެވެ. ހަރީރާ އިން ގޮތް ފެނިފައި ހަސަނު ދުއްވައިގަތީ، ބޭކެނބިދައިތަ ބަލައި އެގެއާ ދިމާއަށެވެ.
ހަރީރާގެ ލުއިލުއި ކުކުރުން، ވޭންވަރުގެ ގަދަ ވޭނާއެކު، ރުއިމަށް ބަދަލުވަމުން ދިޔައިރު، ހަސަނު ހުރީ މެދުގޭތެރޭގައި ދެ ކޮޅަށް ހިނގަހިނގައެވެ. ހިތުގައި ބިރުވެރިކަމެއް އުފެދިފައެވެ. އެތެރެގޭތެރެއިން، ބޭކެނބިދައިތަ ހަރީރާއަށް ހިތްވަރުދެމުން، ކަން ކުރަންވީ ގޮތް ކިޔައިދެމުން ގެންދާ އަޑު، ހަސަނުގެ ކަންފަތާ ހަމައަށް އާދެއެވެ.
“ހަސަނާ! ފިރިހެން ކުއްޖެއް!”
ބޭކެނބިދައިތަގެ އަޑުން ހަސަނުގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާއަށް އުޅެވުނީ އަވަސް އަވަހަށް އެތެރެގޭތެރެއަށް ވަންނާށެވެ. އެހެންނަމަވެސް އެ ވަގުތު އޭނާގެ ކަންފަތުގައި ޖެހުނު ޖުމުލައިގެ ސަބަބުން މީހާ ގާވި ކަހަލައެވެ. ދަރިފުޅު ނޭވާ ނުލާ ވާހަކަ ބޭކެނބިދައިތަ ބުނުމުންނެވެ. އިރުކޮޅަކުން އިވުނީ، ހަރީރާ ރޮއިގަތް އަޑެވެ. ހަސަނު ދުވެފައި ގޮސް، އެތެރެގޭތެރެއަށް ވަނެވެ. ފެނުނީ އޭނާގެ ފުށްގަނޑެއް ފަދަ ދަރިފުޅު، ބޭކެނބި ދައިތަގެ އަތްދަނޑި މަތީގައި އޮތްތަނެވެ. ހަސަނަށް ބޭއިޚުތިޔާރުގައި ދަރިފުޅުގެ ގައިގައި ބައްދައިލެވުނެވެ. އޭރު އެ ކުއްޖާގެ ހުވާހެއް ނެތެވެ.
ދަރިފުޅު ގޮވައިގެން ހަސަނަށް ދެވުނީ، ރޮއިރޮއި އޮތް ހަރީރާގެ ގާތަށެވެ. އޭރު ހަރީރާގެ މޫނުމަތީން ފެންނަނީ ހިތްދަތިކަމެވެ. ދެ ލޮލުން ކަރުނަ އޮހެމުން ދެއެވެ. ހަސަނުގެ ދެ ލޯ ވެސް ވަނީ ކަރުނައިން ބަރުވެފައެވެ. ފަތިހު ރަށްމަތީން ގޮވި މާކަނާގެ ގޮވުން މިވީ ކޮން ފަދަ ހިތްދަތި ބަވައްޗަކަށް ހެއްޔެވެ. އަނެއްކޮޅުން ހަރީރާއާމެދު އަހަރެންގެ މައިންބަފައިން ދެން ދެކޭނީ ކޮން ގޮތަކަށް ބާވައެވެ؟ އެ މީހުންގެ ކުރިމަތީގައި ހަރީރާ ވާނީ، ކޮން ފަދަ ނުރައްކާތެރި ސުންޕާ މީހަކަށް ބާވައެވެ؟ އަނތްބެއްގެ ގޮތުގައި ހަރީރާ ބައިންދައިގެން އަހަންނަށް ދިރިއުޅެން ފަސޭހަވާނެ ބާވައެވެ؟ ހަސަނަށް ދެ ލޯ މަރައިލެވުނެވެ. އެ ވަގުތު އޭނާގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ފައިބައިގަތެވެ.