އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އައްޑޫ ގަމުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ހިނގައްޖެ އެވެ.

އަނބުރާ ގައުމަށް ދިޔައީ އައްޑޫގައި ތިބި އިންޑިއާގެ 25 ވަރަކަށް ސިފައިންނެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 10 ގެ ކުރިން އައްޑޫގައި ތިބި ސިފައިން ފޮނުވާލުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވިގޮތަށް، އެ މީހުން މިހާރު އެނބުރި ގައުމަށް ގޮސްފައިވާ ކަމަށެވެ.

އެ މީހުންގެ ބަދަލުގައި ސިވިލިއަނުން ރާއްޖެ އައިސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުގައި ތިބި އިންޑިއާ ސިފައިން އަދިވެސް އެބަތިއްބެވެ. އޮފިޝަލް ވިދާޅުވީ ދެ ގައުމުން އެއްބަސްވިގޮތަށް އެ ސިފައިން އަނބުރާ ގައުމަށް ދާނެ ކަމަށެވެ. މިހާރު އިންޑިއާ ސިފައިން ތިބީ ހދ. ހަނިމާދު އާއި ލ. ކަލައިދޫގަ އެވެ. އެ ސިފައިން ރާއްޖެ ދޫކޮށްދާން ހަމަޖެހިފައި ވަނީ 10 މެއިގަ އެވެ.

ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައި ވަނީ ސިފައިން އަނބުރާ ފޮނުވާލުމަށްފަހު ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ސިވިލިއަނުން ރާއްޖެ ގެނައުމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ޖުމްލަ ދެ ހެލިކޮޕްޓަރެވެ. ބަލި މީހުން އުފުލުމުގަ އާއި ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމަށް މީގެކުރިން އެ ދެ އުޅަނދު ބޭނުންކުރެ އެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެކަމެއް ނުކުރެ އެވެ.