ސ. ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
އައްޑޫން ވަނީ 21،007.39 އަކަ މީޓަރު ސަރަޙައްދެއްގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކުރަން ބޭނުންވާ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް މިފުރުސަތު ހުޅުވާލާފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އީދިގަލި ޓޫރިޒަމް ޒޯނު ޓޫރިޒަމަށް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށެވެ. އަދި އެތަނުގައި ތަރައްގީ ކުރެވޭނީ ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ބީލަން ގަތުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލާފަ އެވެ. ބީލަން ބަލައިގަންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ.
އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ޚާއްސަކޮށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީން ތައާރަފްކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވާލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މިޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނައިފަ އެވެ.
މިޕްލޭންގެ ދަށުން އައްޑޫގައި 6،000 އެނދު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އައްޑޫގައި 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ޓޫރިޒަމުގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް މި ޕްލޭންގައި ވަނީ ހިމަނާފަ އެވެ.
އެގޮތުން އައްޑޫގައި ކަލްޗަރަލް ވިލެޖެއް ހެދުމާއި، ވެލްނެސް ޒޯނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ވަނީ ހިމަނާފަ އެވެ. އެގޮތުން އައްޑޫގައި ހޮސްޕިޓަލިޓީ ސްކޫލެއް ހެދުމާއި، ޝަންގްރިލާ ވިލިނގިލި ރިސޯޓުން އަލުން ޚިދުމަތް ދޭން ފެށުމަށް ވަނީ ޕްލޭންކޮށްފަ އެވެ.