ޕުއެރްޓޯ ރިކޯގެ ސަން ހުއާންގައި 21 ނޮވެންބަރު 2026 ވީ ހޮނިހިރު ދުވަހު ބޭއްވި "މިސް ޔުނިވާސް 2026"ގެ ޤައުމީ ހެދުން ދައްކާލުމުގެ އިވެންޓުގައި، މިސް އިޒްރޭލް ޑެނިއެލް ޔަބްލޮންކާ އަށް ބެލުންތެރިންގެ ބަޔަކު ފުރައްސާރަކޮށް އަޑުލައިފި އެވެ.
އެ އުވެންޓުގައި އޭނާ ލައިގެން ހުރި ކޭޕްގައި ހިބްރޫ އިނގިރޭސި އަދި އަރަބި ބަހުން "ސުލްޙަ" ލިޔެފައިވާއިރު، ގުދުސްގެ ގަދީމީ ސިޓީގެ މަންޒަރެއް ވެސް ހިމެނެއެވެ.
އިޒްރޭލުގެ ނަން އިއުލާނު ކުރުމާއެކު ބެލުންތެރިންގެ ތެރެއިން ބަޔަކު ނުރުހުން ފާޅުކޮށް ހަޅޭއްލަވަން ފެށި ނަމަވެސް، އަނެއް ބަޔަކު އަތްތިލަބަޑި ޖަހައި ހިތްވަރު ދިނެވެ.
ޑެނިއެލް ލައިގެން ހުރީ ރަންކުލައިގެ ވިދުންގަދަ ބޮޑީސޫޓަކާއި އެއާ ގުޅޭ ބޫޓަކާއި ބޮޑު ތާޖެކެވެ. ސްޓޭޖުގައި އޭނާ ފަތުރާލި ފުޅާ ކޭޕްގައި އިޒްރޭލުގެ މަންޒަރުތަކާއި، ޒައިތޫނި ގަސްތަކާއި ޖާފާ އޮރެންޖު ފެނެ އެވެ. އެނބުރިލުމުން ކޭޕްގެ ފަހަތުން ޤުދުސްގެ ޤަދީމީ ސިޓީ ފެންނައިރު، އެ ތިން ބަހުން "ޖެރޫސަލަމް، ސިޓީ އޮފް ޕީސް" ލިޔެފައިވެ އެވެ.
ހޯލް ތެރެއިން ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބެލުންތެރިންގެ ތެރެއިން ފިރިހެނަކު ޑެނިއެލްއާ ދިމާލަށް "ޖެނޮސައިޑް" (ނަސްލު ނައްތާލުން)އޭ ގޮވި އެވެ. އެއާއެކު ކައިރީގައި އިން އެހެން ބެލުންތެރިއަކު އޭނާއާ ކުރިމަތިލައި، އޭނާ އެތަނުން ނެރުމަށް އެދުނެވެ.
ޑެނިއެލް އަކީ މިއާމީގައި އުފަންވި މޮޑެލް އަދި އިންފްލުއެންސަރެކެވެ. އޭނާ އިޒްރޭލަށް ބަދަލުވީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިންނެވެ. 2025 ވަނަ އަހަރުގެ މިސް ޔުނިވާސް އިޒްރޭލް މުބާރާތުން އޭނާ ހޯދީ ދެވަނަ އެވެ.
އޮކްޓޫބަރު 2023 ގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ބޭރު ގައުމުތަކުގައި އިޒްރޭލުގެ ތަސަވުރަށް ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ.
ޔޫރޯވިޝަން ފަދަ އިވެންޓުތަކުގައި ވެސް އިޒްރޭލުގެ ފަންނާނުންނާއި އެތުލީޓުންނާ ދެކޮޅަށް މުޒާހަރާކޮށް ފުރައްސާރަ ކުރުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
ދަރްމެންދްރާގެ މަރަށް އަހަރެއް: ހެމާގެ އަސަރުގަދަ މެސެޖެއް!
އެވެންޖާސް، އެކްސް-މެން އަދި ފެންޓާސްޓިކް ފޯ އެކުގައި!