މާލެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 40 އުޅަނދު ރޭ އެކަނި ވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ވަނީ ބޮއްސުންލައިފަ އެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭ ގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެހެންވެ، ފުލުހުން މި މަހު ތިންވަނަ ދުވަހު ވަނީ އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަން އިއުލާނުކޮށްފަ އެވެ.

އެގޮތުން ފުލުހުން ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފަހުރި 15 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އަދި ރޭ ޖުމްލަ 40 އުޅަނދު މާލެއިން ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކު ނުކުރާން ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވުމުގައި ގަވާއިދާ ހިލާފުވޭތޯ ހާއްސަ ސަމާލުކަމެއްދީގެން ބައެއް ސަރަހައްދުތަކުގައި ބަލަހައްޓަމުންދާނެ ކަމަށެވެ.

ހިނގާ މީހުންގެ އިތުރުން އާންމު ދަތުރުފަތުރާއި ޓްރާންސްޕޯޓާއި އެމަޖެންސީގައި ދަތުރުކުރާ އުޅަނދުތަކަށް ދަތިވާ ގޮތަށް މާލެ ސަރަހައްދުގައި ޕާކު ކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހާއްސަ ސަމާލުކަމެއް ދީގެން ބަލާ ތަންތަން

  • ގްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ ތަންތަން
  • މަގުތަކާއި، ގޯޅިތަކުގެ ކަންމަތިތައް
  • ސްކޫލް ސަރަހައްދުތައް
  • ހޮސްޕިޓަލްތަކާއި އޮފީސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަން
  • މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖު ފަދަ ތަންތަންނަށް ވަދެ ނުކުމެ ހަދަން ދަތިވާގޮތަށް ހުންނަ ތަންތަން