ބާޒާރުން ބޯންލެސް ކުކުޅު ހުސްވެ، ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އެއްގަމު މަހުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފެންޓަސީ ސްޓޯރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޯންލެސް ކުކުޅު ހޯސޭލްކޮށް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ފަރީދީމަގުގައި ހުންނަ ފިހާރައިން ބޯންލެސް ކުކުޅު ލިބެން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޯދައިގެ ކުރިން ބޯންލެސް ކުކުޅު ހުސްވެފައިވަނީ. އާ ޝިޕްމަންޓެއް ލިބޭނެ ދުވަހެއް ޔަގީން ކަމާއެކު އަދި ބުނަން ނޭނގެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެއްގަމު މަހުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ހެޕީމާކެޓް ޓްރޭޑިން އިން ވެސް ބުނީ ބޯންލެސް ކުކުޅު ހުސްވެފައިވާ ކަމަށެވެ. އަދި އާ ޝިޕްމަންޓެއް މިމަހު ފަހުކޮޅު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލެ ސަރަހައްދުގައި ރީޓެއިލްކޮށް ވިއްކާ ފިހާރަތަކުގެ ވެރިން ބުނީ އެއްގަމު މަހުގެ ބާވަތްތައް އެހެން އަހަރުތަކުގެ ރޯދަމަސް ފެށުމުގެ ކުރިން ގެނެސް ސްޓޯކޮށްފައި ހުންނަ ކަމަށެވެ. އަދި އެބަޔަކު ބޭނުން ވަރަކަށް ހޯސޭލްކުރާ ކުންފުނިތަކުން ލިބޭ ކަމަށް ވެސް ވިޔަފާރިވެރިއަކު ބުންޏެވެ.

"އެކަމަކު މިފަހަރު ފެންޓަސީ އާއި ހެޕީ މާކެޓް އަދި އެހެން ކުންފުނިތަކަށް ވެސް ރޯދައަށް ބޭނުންވާ ވަރަށް ސިޕްމަންޓެއް ނުގެނެވުނު. އާއްމުން ޝަކުވާ ކުރިޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،" އޭނާ ބުންޏެވެ.