މިދިޔަ ދެ ދުވަސް ތެރޭގައި މާލޭގެ މަގުތަކުން ޖުމްލަ 88 އުޅަނދު ޓޯކޮށްފައިވޭ

މާލެ ސިޓީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް 48 ވެހިކަލް ފުލުހުން ރޭ ޓޯކޮށްފި އެވެ.

ފުލުހުން ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފަހުރި 15 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އަދި ރޭ ޖުމްލަ 48 އުޅަނދު މާލެއިން ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ދެ ދުވަސް ތެރޭގައި ފުލުހުން ވަނީ 88 ވެހިކަލް ޓޯކޮށްފަ އެވެ.

ފުލުހުން ބުނީ ބައެއް ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވަމުން ގެންދާނެ ކަމަށެވެ. އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބައްލަވަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އޮފީސް ޢިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި ގަރާޖުތަކުން، ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާހެން ޕާކުކޮށްފައިވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ފުލުހުން ހާމަކުރެ އެވެ.

މާލޭގައި ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ވަނީ ބޮއްސުންލައިފަ އެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭ ގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.