މޯލްޑިވިއަނުން ފެށި ސީޕްލޭން އެއާ އެމްބިއުލާންސްގައި ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނެފި އެވެ.

ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން، ޑޭޝް 8-200 މަރުކާގެ މަތިންދާބޯޓު ބޭނުން ކޮށްގެން، އެއާ އެމްބިއުލާންސްގެ ޚިދުމަތް މިމަހުގެ އެއް ވަނަ ދުވަހު ވަނީ ފަށައިފަ އެވެ. އަދި މިއަދާ ހަމައަށް އެއާ އެމްބިއުލާންސް ބޭނުންކޮށްގެން 25 އަށް ވުރެ ގިނަ މެޑިކަލް ދަތުރުތައް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ސީޕްލޭން މަތިންދާބޯޓެއް އިތުރުކުރިކަން މިއިއުލާންކުރަނީ ފަޚުރުވެރިކަމާއެކު. ކުއްލި ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މި މަޝްރޫއު ކުރިއަށް މިދަނީ މިނިސްޓްރީ އޮފް ހެލްތު، އެންސްޕާ، އާސަންދަ ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ގުޅިގެން،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ މޯލްޑިވިއަންގެ ސީޕްލޭން ހުޅުލޭ ސީޕްލޭން ހަބްގައި: ސީޕްލޭން ބޭނުންކޮށްގެން އެއާއެމްބިއުލަންސްގެ އޮޕަރޭޝަންތައް މިއަދު ވަނީ ފަށާފައި. ފޮޓޯ: މޯލްޑިވިއަން

އައިއޭއެސް އިން ބުނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ- 6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުން ވެގެންދާނީ ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ. މި ސީޕްލޭންގައި ރާއްޖޭގެ ރައްތަކަށް އޮޕަރޭޓް ކުރުމުގެ ގާބިލްކަން ލިބުމުގެ އިތުރުން ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.