ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކޮށްފައިވާ ނުވަ ގޮޅިއެއްގެ ވެރިފަރާތް މި މަހުގެ މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ މި މާޗު މަހުގެ މިހާތަނަށް މާރުކޭޓުގެ ގޮޅިތަކުގައި، ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެގޮތުން މިހާތަނަށް 9 ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރާ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު 2،000 ރުފިޔާއިން ކަމަށާއި، އެކަން ތަކުރާރުވާނަމަ ރެޑް ނޯޓިސްއާޢި އެކު 4،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރު ވެއްޖެނަމަ ގާނޫނުން ލިބިފައިވާ ބާރާއެކު ސިޓީ ކައުންސިލަށް ގޮޅި ނެގޭނެ ކަމަށް ވެސް އެސް އެ ކައުންސިލުން ބުނެ އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދިވެހިންގެ ނަމުގައި ހުއްޓަސް އެތަންތަން ހިންގުމުގެ މަސައްކަތުގައި ގިނަ އަދަދަކަށް ބިދޭސީން ތިބެ އެވެ. ގޮޅިތަކުގައި ގެންގުޅޭ އަތް ގާތްކޮށްދޭ މީހާގެ އިތުރުން ފައިސާގެ ކަންކަން ބެލެހެއްޓުމުގައި ވެސް ތިބެނީ ބިދޭސީންނެވެ. މިފަދަ ތަންތަނުގައި އުސޫލުތަކާއި ޚިލާފަށް ބިދޭސީން ތިބޭ މައްސަލަ ވަނީ ފަހަކަށް އައިސް އިތުރުވެފަ އެވެ.

ދިވެހިންގެ އަމިއްލަ ވަންތަކަން ދައްކައިދޭ ވިޔަފާރިތަކާއި މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ގޮސް ނިމޭކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ. ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައި ވެސް ބިދޭސީން ތިބޭއިރު، މަސް ދޯނިތަކުން ވެސް ފެންނަނީ ބިދޭސީންނެވެ.